ފިރިމީހާ ބުއި ފެނަށް ލޮލަށް އަޅާ ބޭސް އަޅައިގެން، އޭނާ މަރާރުމުގެ ދައުވާ އެމެރިކާގެ އަންހެނެއްގެ މައްޗަށް އުފުލައިފި އެވެ.

ސައުތު ކެރޮލައިނާގެ ރައްޔިތެއް ކަމަށްވާ ލާނާ ކްލޭޓަން، 52، ހައްޔަރު ކުރީ އޭނާގެ ފިރިމީހާ ސްޓީވެން ކްލޭޓަން، 64، މަރުވެފައި އޮއްވާ ފެނުނުތާ ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހު އެވެ.

ޕޮލިހުން ބުނީ، ލާނާ ހައްޔަރު ކުރީ ސްޓީވެންގެ ޓޮކްސިކޮލޮޖީ ޓެސްޓުން އޭނާގެ ހަށިގަނޑުގައި ޓެޓްރާހައިޑްރޯޒޮލިން ކިޔާ ކެމިކަލް މާއްދާއެއް ހުރިކަމަށް ދެއްކުމުންނެވެ.

ޓެޓްރާހައިޑްރޯޒޮލިން އަކީ، ބޭސް ސިޓީއަކާ ނުލާ ލިބެން ހުންނަ ލޮލަށް އަޅާ ބޭހާއި ނޭޒަލް ސްޕްރޭތަކުގައި ހިމެނޭ މާއްދާ އެކެވެ.

ލާނާ ހައްޔަރު ކުރުމުން، އޭނާ ވަނީ ޖުލައި 19 އާއި 21 އާ ދޭތެރޭ، ފިރިމީހާ ސްޓީވެން ބުއި ފެނަށް، ލޮލަށް އަޅާ ބޭސް އެޅި ކަމަށް އިއުތިރާފުވެފަ އެވެ.

އެއާ އެކު ޕްރޮސެކިއުޓަރުން މިހާރު ވަނީ އޭނާގެ މައްޗަށް، ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ހަށިގަނޑަށް ނުރައްކާވާ ފަދަ ކާނާ އެއް މީހަކަށް ގަސްތުގައި ދިނުމުގެ ދައުވާ އުފުލާފަ އެވެ.

އެ އާއިލާގެ އެކުވެރިޔަކު، ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ، އެ ދެމަފިރިންގެ ކައިވެންޏަށް އަށް އަހަރު ވެފައިވާ ކަމަށެވެ. އަދި ލާނާގެ ކުށުގެ ރެކޯޑެއް މީގެ ކުރިން ނެތް ކަމަށް އެކުވެރިން ބުނެ އެވެ.

ނަމަވެސް، ޕޮލިހުންގެ ތަހުގީގުން ލާނާގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ސްޓީވެން ނިދާފައި އޮއްވާ އޭނާގެ ބޮލަށް، ލާނާ ތީރެއް ޖެހި މައްސަލައެއް ކުރިން ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ފަހަރު ފުލުހުން ނިންމީ އެއީ އޮޅުމަކުން ދިމާވި ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ލާނާ ދިޔައީ އޭނާގެ ފިރިމީހާ އަށް ނަފްސާނީ އަނިޔާ ދެމުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.