އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[ގެ ބޭނުމަށް އަތޮޅުތަކާއި ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކަށް ބަޖެޓުން ނަގާ ފައިސާގެ ތެރެއިން ޚަރަދުނުވެ ބާކީ ހުންނަ ފައިސާ މާލިއްޔަތު ގަވާއިދުގައިވާ ގޮތަށް ޖަމާނުކޮށް ހުންނަ މައްސަލަ އޮޑިޓް އޮފީހުން ފާގަހަގަކޮށްފި އެވެ.

އޮޑިޓް އޮފީހުން އޭސީސީގެ މިދިޔަ އަހަރުގެ ހިސާބުތައް އޮޑިޓްކުރުމަށް ފަހު ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައި ވަނީ އޭސީސީގެ ދަތުރުތައް ކުރުމަށް ފަހު ބާކީ ހުންނަ ފައިސާ ގަވައިދުން ދައުލަތުގެ ބަޖެޓަށް ޖަމާ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އެ ފައިސާ ހުރީ ގަވާއިދުން ޖަމާނުކޮށް ކަމަށެވެ.

އޭގެ އިތުރަށް ކޮމިޝަނަށް ލިބޭ ފައިސާ ދުވަހު ފޮތަށް އަރުވާފައި ނުހުންނަ ކަން ވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އޭސީސީއަކީ މާ ގިނަ ފައިސާތަކެއް ލިބޭ އޮފީހެއް ނޫން ކަމަށާއި އަދި ދަތުރުތައް ކުރުމަށް ފަހު ވެސް މާ ގިނަ ފައިސާއެއް ބާކީ ނުހުންނަ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އޮޑިޓް އޮފީހުން އެކަންކަން ފާހަގަކޮށް، ރިޕޯޓެއް ނެރުމަކީ ކުރިއަށް އޮތްތަން ރަނގަޅު ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ލުތުފީ ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ވެސް ބަޔަކު ފައިސާ އަކަށް ހިޔާނާތްވީ ވާހަކަ ބަޔާންކޮށްފައި ނުވާ ކަމަށާއި ގަވާއިދުން އެ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާނުކޮށް ހުރި ވާހަކަ ބަޔާންކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަމާނުކޮށް ހުރީ މާކަ ބައިވަރު ފައިސާތަކެއް ނޫން ކަމަށާއި އަދި އެ ފައިސާ ހުރީ ތިޖޫރީގައި ކަމަށެވެ.