22 Sep 2011, 10:03
މާފަންނުގެ ގެއެއްގެ ތިން ވަނަ ބުރިން ވެއްޓި ދެ އަހަރާއި ބައިގެ ފިރިހެން ކުއްޖަކު ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ އެވެ.
މ. ވެސްޓްސައިޑްގެ ތިން ވަނަ ބުރިން ވެއްޓުނީ ދ. ބަނޑިދޫ އިސްމާއީލް ޖައިޝަމެވެ.
ޖައިޝަމްގެ އާއިލާގެ ފަރާތުން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ހިންގީ މިއަދު ހެނދުނު 8:30 ހާކަންހާއިރު ކަމަށާއި ޖައިޝަމް ވެއްޓުމާ އެކު އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހޭހުރި ކަމަށެވެ. އަދި ޑޮކްޓަރުން އޭނާ ބެލުމަށް ފަހު އެތެރެ ހައްޓަށާއި ކަށިތަކަށާއި އަދި ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"ޖައިޝަމް ގެންދިޔައިރު ވެސް ހޭނުނެތޭ، ނަމަވެސް ވަރަށް ބޮޑަށް ރުއި. ޑޮކްޓަރުން ބުނީ އެއްވެސް މައްސަލައެއް ނޫޅެއޭ، މިހާރު ކައިބޮއި ވެސް ހަދާ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ސޯސަން ސްޓޯރު ކުރިމަތިން އޮންނަ ޕާކް ކައިރީގައި ހުންނަ އެގޭގެ ތިން ވަނަ ބުރިން ޖައިޝަމް މަގުމައްޗަށް ވެއްޓި ޖެހުނީ އޭނާގެ ވާތް އަރިމައްޗަކަށެވެ. އެ ހާދިސާގައި އޭނާގެ ވާތު އަރިކަށި ކުޑަކޮށް ވަނީ ނޫފައިގެންފަ އެވެ. އަދި ވާތު ބުމަމަތިން ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ދަތް ދޮޅި ދަށުން ވެސް ކުޑަ ތަންކޮޅެއް ވަނީ ފަޅައިގެން ގޮސް ލޭ އައިސްފަ އެވެ.