މިމަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބްގައި ވޯޓުލާ މީހުންގެ ފައިނަލްލިސްޓުއިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކޮށްފި އެވެ.

މިރޭ އާންމުކުރި ވޯޓާސް ލިސްޓްގައި ވާ ގޮތުން، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 262،135( ދެލައްކަ ފަސަދޮޅަސް ދެހާސް އެއް ސަތޭކަ ތިރީސް ފަސް ހާސް) މީހުނެއެވެ.ި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާއިރު ވެރި ރަށް މާލޭގައި 122 ވޯޓު ފޮއްޓެއް ބަހައްޓައެވެ.

ރިޔާސީ އިންތިހާބްގައި ވޯޓުލުމަށް 472 ވޯޓު ފޮއްޓެއް ބަހައްޓުމަށް ހަމަޖެހިފައިވާއިރު 302 ފޮށި ހުންނާނީ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށް ރަށުގައެވެ. މާލޭ ސިޓީގައި 122 ފޮއްޓެއް ބަހައްޓާއިރު 35 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. ހަތަރު ވޯޓު ފޮށި ޖަލުތަކުގައި ބަހައްޓާއިރު ސިނާއީ މަސައްކަތް ކުރާ ދެ ރަށަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން ރީޖަނަލް އެއާޕޯޓުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.

ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އިންޑިއާގެ ޓްރެވެންޑްރަމާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަންގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ސްރީ ލަންކާގެ ކޮލަމްބޯގައި ދެ ފޮށި ބެހެއްޓުމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ވޯޓާސް ލިސްޓް އާންމުކުރި އިރު ކެނޑިޑޭޓުންނަށް ވޯޓާސް ލިސްޓްގައި ސޮއި ކުރުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.