ޓްރިޕޮލީ (ސެޕްޓެމްބަރ 22) : ލީބިޔާގައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އެޤައުމުގެ އިންތިޤާލީ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތް މަޑުޖެހިފައިވަނީ ޚިޔާލުތަފާތުވުންތަކާއި ދެބަސްވުން ތަކުގެ ސަބަބުން ކަމަށް ޚަބަރު ލިބިއްޖެއެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން އިންތިޤާލީ މަޖިލީހުގެ މެންބަރެއް ކަމަށްްވާ އަލްއަމީން ބިލްޙާޖް ވިދާޅުވީ ވަގުތީ ސަރުކާރުގެ ކެބިނެޓްގައި ހިމަނަންޖެހޭ މެންބަރުންނާމެދު ޚިޔާލުތަފާތު ވުމުގެ ސަބަބުން ވަގުތީ ސަރުކާރުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ލަސްވަމުންދާ ކަމުގައެވެ.

ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް އިންތިޤާލީ މަޖިލީހުން ހަމަޖައްސާފައިވަނީ އެމަޖިލީހުގެ ތަންފީޒީ އޮފީހުގެ ވެރިޔާ ޑޮކްޓަރ މަޙްމޫދް ޖިބްރީލް އެވެ. ޖިބްރިލަކީ އެމެރިކާގެ ޕެންސެލްވީނިޔާ ޔުނިވަރސީޓިގައި ސްޓްރެޓީޖިކް ޕްލޭނިންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލް ކުރައްވާފައިވާ އަދި ގައްޒާފީގެ ވެރިކަމުގައި ލީބިޔާގެ އިޤްތިސާދީ ދާއިރާގައި ދިގުމުއްދަތަކަށް މަސައްކަތް ކުރައްވައި ތަޖްރިބާ ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ނަމަވެސް ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވި ހަނގުރާމަވެރިންގެ ބައެއް ޖަމާއަތްތަކާއި ނުފޫޒުގަދަ ބައެއް ކޮމާންޑަރުން މަޙްމޫދް ޖިބްރީލާ ދެކޮޅަށް ފާޅުގައި ގެންދަނީ އަޑުއުފުލަމުންނެވެ.

ވަގުތީ ސަރުކާރުގެ ކެބިނެޓް މެންބަރުންގެ މައިގަނޑު ޝަރުތަކީ ތަޢްލީމާއި ތަޖްރިބާކަމަށް އިންތިޤާލީ މަޖިލީހުން ނިންމި ނަމަވެސް ލީބިޔާގެ އެކިސަރަޙައްދުތަކަށާއި ބޮޑެތި ރަށްތަކަށް ނިސްބަތްވާ ގޮތަށް ކެބިނެޓް މެންބަރުން އިޚްތިޔާރު ކުރުމަށް ހަނގުރާމަވެރިންނާއި ޤަބީލާތަކުގެ ޝައިޚުން ބާރުއަޅަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލީބިޔާގެ ވަގުތީ ސަރުކާރު އެކުލަވާލެވޭނެ ކަމަށް ބެލެވެނީ އަންނަ ހަފްތާގެ ފަހުކޮޅުގައި ކަމަށް އިންތިޤާލީ މަޖިލީހުގެ އިސްވެރިއެއް ކަމަށްވާ ޢަބްދުއްރަޙްމާން އައްދީބާނީ ވިދާޅުވިއެވެ. (އަލްޖަޒީރާ)