04 Sep 2018, 16:55
ދިއްލީ (ސެޕްޓެމްބަރު 4): މީދަލުގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވާ ރެޓް ފީވާ ނުވަތަ ލެޕްޓޯސްޕައިރޯސިސް ޖެހިގެން އިންޑިއާގެ ކެރަލާއިން މަރުވި މީހުންގެ އަދަދު 12އަށް އަރައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
މިދިޔަ މަހު ކެރަލާއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރެވެހި، ފެންބޮޑުވުމާ ގުޅިގެން އެސަރަހައްދުގައި ވަނީ ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ފެތުރޭ ބަލިތައް އިތުރުވެފައެވެ.
އެގޮތުން މިދިޔަ މަހުގެ އެކަކުން ފެށިގެން 372 މީހަކަށް އެފަދަ ބަލިތައް ޖެހި، އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު 54އަށް އަރާ ކަމަށް އެންޑީޓީވީން ބުނެ އެވެ.
އަދި ލެޕްޓޯސްޕައިރޯސިސް ޖެހިގެން މަރުވި މީހުންގެ އަދަދު 12އަށް އަރާ ކަމަށް އެނޫހުގައި އޮތް ނަމަވެސް ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެބަލި ޖެހިގެން މަރުވި ކަމަށް ބެލެވޭ މީހުންގެ އަދަދު މިހާރު ވަނީ 19އަށް އަރާފައެވެ.
އެބަލިތައް ފެތުރެމުން ދިޔުމުގެ ސަބަބުން ކެރަލާގެ ހެލްތް މިނިސްޓަރީން މިހާރު ވަނީ އެސްޓޭޓު ކުރިއަށް އޮތް ތިން ހަފްތާއަށް ހައި އެލާޓަށް ގެނެސްފައެވެ. އަދި ހެލްތް މިނިސްޓަރު ކޭކޭ ޝައިލާޖާ ވަނީ ބަލި ފެތުރެމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެދިވަޑައިގެންފަ އެވެ.
ލެޕްޓޯސްޕައިރޯސިސް ޖެހެނީ މީދާ ފަދަ ޖަނަވާރުގެ ނަޖިހުން ތަޣައްޔަރުވެފައިވާ ފެން ބުއިމުގެ ސަބަބުން ނުވަތަ ފާރުގަނޑަކުން ހަށިގަނޑުގެ ތެރެއަށް ބެކްޓީރިއާ ވާސިލުވުމުންނެވެ. އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި މަސްގުޅަކެއުމާއި ރީނދޫ ވުމާއި ބޭރަށް ހިންގުން ހިމެނެ އެވެ.
ލެޕްޓޯސް ޕައިރޯސިސް ފެތުރުން ހުއްޓުވުމަށްޓަކައި ކެރަލާގެ ސަރުކާރުގެ ހޮސްޕިޓަލްތަކުން ވަނީ އެންޓިބައޮޓިކްސް މީހުންނަށް ދޭން ފަށާފަ އެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކެރަލާއަށް ކުރި ވިއްސާރައިގައި 200އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެވިއްސާރައިގެ ސަބަބުން ކެރަލާ އަށް ލިބުނު ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ލަފާ ކުރެ އެވެ.