22 Sep 2011, 09:27
ނިޔުޔޯރކް (ސެޕްޓެމްބަރ 22) : އިސްރާއީލުގެ ޙިމާޔަތްކޮށްދިނުމުގައި އެމެރިކާ ޖާމިނުވާނެ ކަމުގެ ޔަގީންކަން ދެއްވައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރު ކުރައްވައިފިއެވެ. ޖެނެރަލް އެސެމްބްލީގައި ރޭ ތަޤްރީރު ކުރައްވަމުން އޮބާމާ ވިދާޅުވީ އިސްރާއީލު ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ އެމެރިކާގެ ޒިންމާއެއް ކަމަށާއި މިޒިންމާ އުފުލުމުގައި އެމެރިކާ ބަލިކަށިވެ ފަހަތަށް ނުޖެހޭނެ ކަމުގައެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތުން އދ. ގެ މެންބަރުކަން ހޯދުމަށް ކުރާ މަސައްކަތަށް އިޝާރާތް ކުރައްވަމުން އޮބާމާ ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނަށްވެސް މިނިވަން ދައުލަތެއް ޤާއިމް ކުރުމުގެ ޙައްޤު ލިބެންޖެހޭނެ ކަމަށާ ނަމަވެސް މިކަންކުރަންޖެހޭނީ ފަލަސްތީނުން އިސްރާއީލާއެކު ސުލްޙަިއގެ ވާހަކަތައް ދައްކައިގެން ނުކުންނަ ނަތީޖާއެއްގެ ތެރެއިން ކަމުގައެވެ.
ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށްޓަކައި ފަލަސްތީނުން 20 އަހަރުވާންދެން އިސްރާއީލާއެކު ދެއްކި ސުލްޙައިގެ ވަހަކަތަކުން ނަތީޖާއެއް ނެރެވިފައިނުވާ މައްސަލައަށާއި ފަލަސްތީނުގެ ދައުލަތެއް އުފައްދަން އިސްރާއީލު ދެކޮޅުހަދާ މައްސަލައަށް އޮބާމާ އިޝާރާތް ކުރައްވާފައެއްނުވެއެވެ.
އަދި ފަލަސްތީނުގެ ބިންތަށް ދާއީމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އެބިންތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުވަމުން ގެންދާ މައްސަލައަށާއި ވަޒަނުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ އެތަށް މިލިޔަން ރެފިއުޖީންނަށް އެމީހުންގެ ވަޒަނަށް އެނބުރި އައުމުގެ ޙައްޤު ދިނުމަށް އިސްރާއީލު ދެކޮޅު ހަދާމައްސަލައަށްވެސް އޮބާމާ އަލިއަޅުއްވާފައެއް ނުވެއެވެ.
އިސްރާއީލު ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގައި އެމެރިކާ ޖާމިނުވާކަމުގެ ގެރެންޓީ އޮބަމާ ދެއްވި ނަމަވެސް ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަކީ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ލިބިގެންވާ ހައްޤެއް ކަމަށް އިސްރާއީލާއި އިސްރާއީލުގެ ރަޙްމަތްތެރިންވެސް ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދެއްކެވިއެވެ.
އޮބާމާގެ ވާހަކާގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމާ ދެކޮޅަށް އދ. ން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލެއްވިއެވެ. (އަލްޖަޒީރާ)