އއ. އަތޮޅާއި އދ. އަތޮޅު އަދި ދ. ކުޑަހުވަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން އދ. ދަނގެއްޗަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި އެރަށުގައި ގާއިމުކޮށްފައިވާ ފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވިއެވެ.

އެއަށްފަހު އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އެރަށުގެ މަގު ހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރުމުގައި ބައިވެރިވެލެއްވިއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އދ. މާމިގިއްޔަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ.

މިދަތުރުފުޅުގައި އއ. މަތިވެރިއަށާއި، އއ. ތޮއްޑޫއަށާއި، ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރެއްވިއެވެ.