ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ހޯދުމުގެ މައްސަލަ އަންނަ ހުކުރުދުވަހު އދ. އަށް ރަސްމީގޮތުން ހުށަހަޅާނެކަން ފަލަސްތީނުގެ ޒާތީ އިދާރާގެ ރައީސް މަޙްމޫދް ޢައްބާސްވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިކަން އދ. އަށް ހުށަހެޅުމަށްޓަކައި ޢައްބާސް ވަނީ ނިޔުޔޯކަށް ވަޑައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާ ބައްދަލުކުރައްވާފަ އެވެ.

މިމައްސަލާގައި ކަންތައްތައް ހިނގައިދާނެ ގޮތްތަކާބެހޭ ގޮތުންނާ އަދި މިކަމުގައި ފަލަސްތީނަށް އޮތް ފުރްސަތުތަކާބެހޭ ގޮތުން އިންސާނީ ޙައްޤުތަކާބެހޭ ފަލަސްތީނުގެ މުސްތަޤިއްލު ޖަމާއަތުގެ ޤާނޫނީ ތަޖްރިބާކާރުން ޚާއްސަ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރައްވައި އެރިޕޯޓް އިއްޔެ ނެރުއްވާފައިވެ އެވެ.

މިރިޕޯޓް ބުނާގޮތުން މިމައްސަލާގައި ފަލަސްތީނަށް އޮތީ ފަސް އޮޕްޝަނެކެވެ. މިފަސް އޮޕްޝަނަކީވެސް މިވަގުތު އދ. ގެ މަސްރަޙު ހުރިގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ލިބުމުގެ ފުރްސަތު ކުޑަ އޮޕްޝަންތަކެކެވެ. ނަމަވެސް މިމައްސަލަ އދ. އަށް ވެއްދުމުން މުސްތަޤްބަލްގައި ފަލަސްތީނަށް ލިބޭނެ ފައިދާތަކެއް އެބައޮތެވެ.

މިރިޕޯޓް ބުނާގޮތުން މިމައްސަލާގައި ފަލަސްތީނަށް އޮތް ފުރަތަމަ އޮޕްޝަނަކީ ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ހޯދުމުގެ މައްސަލަ ރަސްމީކޮށް ހުށަހެޅުމަށްފަހު ދުނިޔޭގެ ޤައުމުތަކުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވުމަށް އެދި ޚާއްސަ ހުށަހެޅުމެއް ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމެވެ.

ދެވަނަ އޮޕްޝަނަކީ އދ. ގައި މިހާރު ފަލަސްތީނަށް ލިބިފައިވާ ޙައިޘިއްޔަތު ކަމަށްވާ ޕީ.އެލް.އޯ. ގެ އޮބްޒާވަރުގެ ޙައިޘިއްޔަތުން ފަލަސްތީނުގެ މިނިވަން ދައުލަތުގެ އޮބްޒާވަރުގެ ޙައިޘިއްޔަތަށް ބަދަލުކުރުމަށް ޖެނެރަލް އެސެމްބްލީގެ ވޯޓަކަށް ހުށަހެޅުމެވެ. ޖެނެރަލް އެސެމްބްލީން މިގޮތަށް ފާސްވުމުގެ ފުރްސަތަކީ ޔަގީން ފުރްސަތެކެވެ. ޖެނެރަލް އެސެމްބްލީން މިގޮތަށް ފާސްވެއްޖެނަމަ އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނުގެ ދައުލަތަށް ނުލިބުނު ނަމަވެސް ފަލަސްތީނަކީ ދައުލަތެއް ކަމުގެ އިޢްތިރާފް އދ. ން ލިބިގެން ދާނެއެވެ. މާނައަކީ ފަލަސްތީނަކީ ދައުލަތެއް ކަމަށް އދ. ންވެސް ޤަބޫލުކުރުމެވެ.

ނަތީޖާއަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށްވެސް ޤާނޫނީ ގޮތުން ލިބިފައިވާ ބާރަކާއި އިޚްތިޔާރުތައް ބައިނަލްއަޤްވާމީ މުއައްސަސާތަކުގައާއި މަޙްފަލްތަކުގައި ފަލަސްތީނުގެ ދައުލަތަށްވެސް ލިބިގެންދިޔުމެވެ. އަދި ފަލަސްތީނުގެ ޙައްޤުތައް ހޯދުމަށާއި ހިފާފައިވާ ބިންތައް މިނިވަންކުރުމަށް މަސައްކަތް ކުުރުމުގެ ޤާނޫނީ އެތަށް ފުރްސަތުތަކެއް ފަލަސްތީނުގެ ދައުލަތަށް ފަހިވެގެންދިޔުމެވެ.

ތިންވަނަ އޮޕްޝަނަކީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށްއެދި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމެވެ. މިއީ މިމައްސަލާގައި ފަލަސްތީނުގެ ޒާތީ އިދާރާއިން އަޅަން ނިންމާފައިވާ ފުރަތަމަ ފިޔަވަޅެވެ. ފަލަސްތީނުގެ މިހުށަހެޅުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރާނެކަމަށް އެމެރިކާ ފާޅުގައި ބުނެފައިވާތީ މިފިޔަވަޅު ކާމިޔާބުވުމުގެ ފުރްސަތު ފަލަސްތީނަށް ލިބުމަށްވުރެ ގާތީ ނުލިބުމެވެ. ސަބަބަކީ އެއްވެސް ދައުލަތަކަށް އދ. ގެ މެންބަރުކަން ލިބޭނީ ސަލާމަތީ މަޖިލީހުން އެކަމަށް ރެކޮމަންޑް ކުރުމަށްފަހު އެރެކޮމެންޑޭޝަން ޖެނެރަލް އެސެމްބަލީއަށް ހުށަހަޅައި ޖެނެރަލް އެސެމްބްލީގެ އަޣްލަބިއްޔަތުން އެރެކޮމެންޑޭޝަން ފާސްވުން ކަމަށް އދ. ގެ ޗާޓަރު ބުނާތީއެވެ. ސަލާމަތީ މަޖިލީހުގައި އެމެރިކާ ވީޓޯ ކޮށްފިނަމަ ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ ރެކޮމެންޑޭޝަން ސަލާމަތީ މަޖިލީހަކުން ނުލިބޭނެއެވެ. ސަލާމަތީ މަޖިލީހުގެ ރިކޮމެންޑޭޝަން ނުލިބި ޖެނެރަލް އެސެމްބްލީއަށް މިކަން ހުށައެއް ނޭޅޭނެއެވެ.

މިމައްސަލާގައި އެމެރިކާ ވީޓޯ ކޮށްފިނަމަ އިސްލާމީ ޤައުމުތަކުގެ އެއްބިލިޔަނަށްވުރެ ގިނަ ރައްޔިތުންނާއި އަދި ފަލަސްތީނުގެ ޙައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެހެން ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ނަފްރަތުކޮށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެމެރިކާ އެކަހެރިވެ އެމެރިކާގެ އަގުވެއްޓިދާނެއެވެ. މިކަމަށް ބަލާފައި ވީޓޯކުރުމުގެ ބަދަލުގައި ފަލަސްތީނަށް އދ. ގެ މެންބަރުކަން ދިނުމުގެ ހުށަހެޅުން އަލުން ދިރާސާކުރުމަށް ކަމަށްބުނެ މިމައްސަލާގައި ގޮތެއް ނިންމުން ދުވަސްކޮޅަކަށް ފަސް ކުރުމަށް ސަލާމަތީ މަޖިލީހުން ނިންމުމަކީ އެކަށީގެންވާ ކަމެކެވެ.

މިތިން އޮޕްޝަންގައިވެސް ފަލަސްތީނަށް ކާމިޔާބެއް ނުލިބިއްޖެނަމަ ހަތަރުވަނަ އޮޕްޝަނަކަށް ދިޔުމުގެ ފުރްސަތުވެސް ފަލަސްތީނަށް އެބައޮތް ކަމަށް ޤާނޫނީ ތަޖްރިބާކާރުންގެ ރިޕޯޓް ބުނެއެވެ.

ހަތަރުވަނަ އޮޕްޝަނަކީ އދ.ގެ މެންބަރަކަށް ވުމަށްއެދި ސަލާމަތީ މަޖިލީހުގެ ރެކޮމެންޑޭޝަނަކަށް ނުގޮސް ސީދާ ޖެނެރަލް އެސެމްބްލީގެ ވޯޓަކަށް ހުށަހެޅުމެވެ. މިގޮތަށް ހުށަހެޅުމުގެ ފުރްސަތު ފަހިވަނީ 1950 ވަނަ އަހަރު "ޔުނައިޓިން ފޯރ ޕީސް" ގެ ނަމުގައި ޖެނެރަލް އެސެމްބްލީން ފާސްކޮށްފައިވާ 377 ވަނަ ޤަރާރުގެ ދަށުންނެވެ.
މިއީ އދ. ގެ ތާރީޚުގައި އަދި މިހާތަނަށް ޢަމަލުކޮށްފައިވާ ޤަރާރެއްނޫނެވެ. މިޤަރާރުގެ ދަށުން އދ. ގެ މެންބަރަކަށް ވުމަށްއެދި ޖެނެރަލް އެސެމްބްލީގެ ވޯޓަކަށް ހުށަހެޅުމަކީ ފަލަސްތީނުގެ ޙާލަތު މިހާރުއޮތްގޮތުން ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމަށާ މިގޮތަށް ހުށަހަޅައިގެން ޖެނެރަލް އެސެމްބްލީގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ އދ. ގެ މެންބަރުކަން ފަލަސްތީނަށް ލިބޭނެ ކަމަށް ބައިނަލްއަޤްވާމީ ޤާނޫނާބެހޭ ތަޖްރިބާކާރުން ދެކެއެވެ. ނަމަވެސް އެމެރިކާގެ ނުފޫޒާއި ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާޢަތްތަކުގެ ލޮބީގެ ބާރު އދ. ގައި އޮތްމިންވަރުން މިއޮޕްޝަނަށް ދިޔުމުގެ ފުރްސަތު އދ. ގެ ތެރޭން ފަލަސްތީނަށް ފަހިނުވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.

ފަލަސްތީނުގެ ކުރިމަތީގައި އޮތް ފަސްވަނަ އަދި އެންމެ ފަހުގެ އޮޕްޝަނަކީ ފަލަސްތީނުގެ ރައްޔިތުން ތަމްޘީލްކުރާ ކަމަށް އދ. ން މިހާތަނަށް ޤަބޫލުކޮށްފައިވާ ޖަމާއަތް ކަމަށްވާ ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ.) އިން ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ހޯދުމަށްޓަކައި ދަހޭގް ގައިހުންން "އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް" (ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓް) އަށް ދިޔުމެވެ.

މިމައްސަލަ ޕީ.އެލް.އޯ.އިން ހުށަހަޅައިފިނަމަ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ފަލަސްތީނުގެ ބިންތައް އިސްތިޢްމާރުކޮށްގެން ދިގުމުއްދަތަކަށް އުޅޭ އުޅުމާ ދެކޮޅަށް "އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް" އިން ޤާނޫނީ ފަތްވާއެއް ނެރުމުގެ ފުރްސަތު ފަލަސްތީނަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. "އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް" އިން މިފަދަ ޤާނޫނީ ފަތްވާއެއް ނެރެފިނަމަ ޤާނޫނީ ގޮތުންނާއި މަޢްނަވީ ގޮތުންނާއި އަޚްލާޤީ ގޮތުން ވަރަށް ބޮޑެތި މައްސަލަތަކެއް އިސްރާއީލަށް ކުރިމަތިވެގެން ދާނެއެވެ.

އިސްރާއީލަކީ ފަލަސްތީނުގެ ހުރިހާ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެންއުޅޭ އަނިޔާވެރި އިސްތިޢްމާރީ ބާރެކެވެ. ޤަތްލު ޢާންމުތައް ހިންގައި ފަލަސްތީނުގެ ކުޑަކުދިންނާއި ބޮޑެތި މީހުންނާއި މުސްކުޅިން މަރައި ފުޅާދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންގެންދާތާ ބައިޤަރުނަށްވުރެ ދިގު މުއްދަތެއް ކަޑައްތު ކޮށްފައިވާ ނުރައްކާތެރި ޒަޔަނިސްޓް އެންޓައިޓީ އެކެވެ. ނަމަވެސް ޔަހޫދީންގެ މަކަރުވެރި ޕްރޮޕަގެންޑާތަކުގެ ސަބަބުން އިސްރާއީލުގެ އަނިޔާވެރިކަން ހުޅަނގުގެ ޢާންމުންގެ ގިނަބަޔަކަށް ވަނީ އޮޅިފައެވެ.

އެެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ޙިމާޔަތާއި ރައްކާތެރި ކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން އެއްވެސް އަދަބެއް އަދި ފިއްތުމެއް އިސްރާއީލަށް ކުރިމައްޗެއް ނުވެއެވެ. ބައިނަލްއަޤްވާމީ ގޮތުން އެހެން ޤައުމުތަކަށް (ޚާއްސަކޮށް އިސްލާމީ ޤައުމުތަކަށް) ބޮޑެތި އަދަބުތައް ލިބި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާއިރު އިސްރާއީލަކީ ކޮންމެ ފަދަކަމެއް ކުރުންވެސް ހުއްދަވާ "އަންޓަޗަބްލް" ޤައުމެކެވެ. ވީމާ މިހާރަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ ޒަމީރުގައި އަނިޔާވެރި ޤައުމެއްގެ ގޮތުގައި އިސްރާއީލު ލޭބަލްވެ އިސްރާއީލުގެ އަނިޔާވެރި ޙަޤީޤަތް ދުނިޔޭގެ ޕަބްލިކަށް ހާމަކުރުމަށްޓަކައި މިފަދަ ޤާނޫނީ ފަތްވާތަކުގެ ބޭނުން ވަރަށް ބޮޑެވެ.
"އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް" ފަދަ ބައިނަލްއަޤްވާމީ ޤާނޫނީ މުއައްސަސާއަކުން އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ޤާނޫނީ ފަތްވާއެއް ނެރެފިނަމަ ތަހުޒީބު ކަމަށްބުނާ އަދުގެ ދުނިޔޭގައި، އިސްރާއީލުގެ ޔަހޫދީންނާއި އިސްރާއީލުގެ ޙިމާޔަތުގައި އޮންނަ އެމެރިކާ ލަދުގަންނަގޮތް ދިމާވާނެއެވެ. އަދި މިފަދަ ފަތްވާއަކާގުޅިގެން އިސްރާއީލުގެ ވެރިންނަށާއި ރައްޔިތުންނަށް އަޚްލާޤީ އަދި މަޢްނަވީ މައްސަލަތަކެއް ކުރިމަތިވެގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. (އަލްޖަޒީރާ+ފަލަސްތީނުގެ މީޑިޔާ)