ލިވަޕޫލްއިން އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސްނެގް ކޮންޓްރެކްޓު އާކޮށްފިއެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު އަލަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އޭނާ މީގެ ކުރިން ލިވަޕޫލްއާއެކު ހަދާފައި ވަނީވެސް ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެވެ. 2015 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި ސޮއި ކުރި އެ ކޮންޓްރެކްޓު ހަމަވާން އޮތީ 2020 ވަނަ އަހަރުއެވެ.

އާ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް ފަހު ހެންޑަސަން ބުނީ އޭނާ ބޭނުންވަނީ ވީހާވެސް ގިނަ ދުވަހު ލިވަޕޫލްގައި މަޑު ކުރަން ކަމަށެވެ. އަދި ލިވަޕޫލް ފިޔަވައި އޭނާ ފުޓުބޯޅަ ކުޅެން ބޭނުންވާ އެހެން އެއްވެސް ކަލަބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ހެންޑަސަން ކޮންޓްރެކްޓު އާ ކުރުމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕު ވެސް ވަނީ އޭނާގެ ހިތްހަމަޖެހުން ފާޅުކޮށް ވާހަކަ ދައްކައިފައެވެ. ކްލޮޕް ބުނީ، އޭނާގެ "ޖެނެރަލް"ގެ ގޮތުގައި ސިފަ ކުރާ، ހެންޑަސަން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުޅުންތެރިއެއްގެ ގޮތުގައި އިތުރަށް ކުރިއަރައިގެން ދާނެ ކަމަށެވެ. އަދި ހެންޑަސަން ލިވަޕޫލްގައި ގިނަ ދުވަހު މަޑު ކުރަން ނިންމި ނިންމުމަކީ ލިވަޕޫލްއަށް އެކަމުގެ ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ.

"މީހުންނަށް ބޭރުފުށުން ނުފެންނަ ބައިވަރު ކަންތައްތައް އޭނާ ކޮނޑުމަތީގައި އަޅައިގެން އުޅޭ. [ހެންޑަަސަން] އެކަމަކު އެ ޒިންމާތައް ނަގަން އޭނާ ބޭނުންވޭ. އޭނަ އަކީ އަހަރެންގެ ޖެނެރަލް، އަހަރެން އޭނައަށް ފުރިހަމައަށް އިތުބާރު ކުރަން،" ކްލޮޕް ބުންޏެވެ.

ހެންޑަސަން ލިވަޕޫލްއާ ގުޅުނީ 2011 ވަނަ އަހަރު ސަންޑަލޭންޑުންނެވެ. އެފަހުން އޭނާ ވަނީ ލިވަޕޫލްއަށް 283 މެޗު ކުޅެދީ 24 ގޯލު ޖަހައިދީފައެވެ. ލިވަޕޫލްއާއެކު އޭނާ ވަނީ އިންގްލިޝް ލީގް ކަޕް ހޯދައިފައެވެ. އަދި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް އޭނާ ކުޅުނެވެ.