21 Sep 2011, 23:01
މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭ މީހަކު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް )ޑީޕީއާރްއެސް( ހަވާލު ނުވެގެން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދިފައިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ 22 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭ ވ. ޖާގަން، އަހުމަދު މުސްތަފާ މުޖުތަމައުއަށް ދޫވެފައި ވަނިކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް އަހުމަދު މުސްތަފާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ދުވަހު ކޯޓަށް ގެނައުމުން ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ކޯޓުން ބުންޏެވެ. އަދި އޭނާއަކީ ޖަލު ހުކުމް ތަންފީޒު ކުރަންޖެހޭ މީހެއް ކަމުން ޑީޕީއާރްއެސްއާ އަހުމަދު މުސްތަފާ ހަވާލު ކުރުމަށް ކޯޓުން ފުލުހުންނަށް އެންގާފައިވާނެ ކަމަށެވެ. ނަމަވަސް އަނެއްކާވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށް، އަހުމަދު މުސްތަފާއާއި ޑީޕީއާރްއެސްއިން ހަވާލު ނުވި ކަމަށް ފުލުހުން އިއްޔެ ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ބުނެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ނައީމް (މޮނާޒާ ނައީމް) މިރޭ ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭ މީހަކު ޑީޕީއާރްއެސްއިން ހަވާލު ނުވެފައިފައި ނޯންނާނެ ކަމަށެވެ. އަދި ޑީޕީއާރްއެސްއިން ކުއްވެރިއަކާ ހަވާލު ނުވިކަމުގެ ހަބަރެއް ލިބިގައި ނުވާ ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.
"ހުކުމް ތަންފީރު ކުރަންޖެހޭ މީހަކާ ހަވާލުނުވެފައެއް ނޯންނާނެ. ޑީޕީއާރްއެސްއިން ތިބުނާ ކުއްވެރިއަކާ ހަވާލު ނުވި ކަމުގެ ޚަބަރެއް އަޅުގަނޑުމެންނަކަށް ލިބިފައެއް ނުވޭ،" މޮނާޒާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އަހުމަދު މުސްތަފާގެ މައްޗަށް މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު މަސްތުވާތަކެތި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއްނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެގެން މިދިޔަ އަހަރު އޮގަންސްޓް މަހުގެ ހަތަރު ވަނަ ދުވަހު 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ސާބިތުވި ދެ ހުކުމާއެކު 22 އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭއިރު، މުޖުތަމައުއަށް އޭނާ ދޫވެފައި ވަނިކޮށް އަނެއްކާވެސް ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އަހުމަދު މުސްތަފާ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގޭގައި މާރާމާރީ ހިންގާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އެގެއަށް ގޮސް އަޙްމަދު މުސްތަފާ އުޅޭ ކޮޓަރި ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހިތަކެއް ފެނިފައިވާތީ އެވެ.