ކާބުލް(ސެޕްޓެމްބަރު 4): އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހައްގާނީ ނެޓްވޯކުގެ ބާނީ، ޖަލާލުއްދީން ހައްގާނީ މަރުވެއްޖެ ކަމަށް އެގައުމުގެ ތާލިބާނުން ބުނެފިއެވެ.

ތާލިބާނާއި އަލްގައިދާއާ ވެސް ގާތް ގުޅުންތައް ބޭއްވި ހައްގާނީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު ކަމަށް ތާލިބާނުން ނެރުނު ބަޔާނުގައިވެއެވެ. ނަމަވެސް އޭނާ މަރުވީ ކޮން ދުވަހަކު ކަމެއް އެޖަމާއަތުން ހާމަ ނުކުރެއެވެ.

ހައްގާނީ މަރުވި ކަމަށް މީގެ ކުރިން ތަކުރާރުކޮށް ހަބަރު ފެތުރިފައިވެއެވެ. އެގޮތުން ހައްގާނީ ނެޓްވޯކާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ބީބީސީން ވަނީ 2015 ވަނަ އަހަރުގެ ކުރިން ހައްގާނީ މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

ހައްގާނީ ނެޓްވޯކުން ވަނީ އަފްޣާނިސްތާނާއި ނޭޓޯގެ ފައުޖުތަކަށް ގިނަ އަދަދެއްގެ ހަމަލާތަކެއް ދީފައެވެ. ދެހާސް އެއް ވަނަ އަހަރުގެ ފަހުން އެޖަމާއަތުގައި އިސްކޮށް ހުންނަނީ ހައްގާނީގެ ދަރިފުޅު ސިރާޖުއްދީން ހައްގާނީއެވެ. (ބީބީސީ)