04 Sep 2018, 10:02
ދެހާސް ފަސްވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ސީކުއެލްއެއް ހެދުމަށް ޑައިރެކްޓަރު އަދިއްތުޔަ ޗޯޕްރާ ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، އެކަމާ ގުޅޭގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށް ފިލްމުގެ ލީޑު އެކްޓަރު އަބީޝެކް ބައްޗަން ބުނެފިއެވެ.
ފިލްމުގައި އަބީޝެކް އާއެކު ދެން ފެނިގެން ދިޔައީ ރާނީ މުކަރްޖީ އަދި އަމީތާބް ބައްޗަންއެވެ. ރިޕޯޓުތަކާ ގުޅިގެން އަބީޝެކް ބުނީ ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބުގެ ސަބަބުން ފިލްމުގެ ސީކުއެލް އެއް ހަދަން އަދިއްތުޔަ އޭރު ވިސްނި ކަމަށެވެ.
ނަމަވެސް ރަނގަޅު ސްކްރިޕްޓެއް ނުލިބުމުން ފަހުން އެ ޚިޔާލު ދޫކޮށްލީ ކަމަށެވެ.
"މިހާރު ވެސް ރަނގަޅު ސްކްރިޕްޓެއް ލިބިގެން، ކުރީގެ ކާސްޓު ހިމަނައިގެން ސީކުއެލް އެއް ހަދަން ބޭނުން ނަމަ އަދިއްތުޔަ އަންގާނެ. އެހެންވީމަ އަދި އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނާކަށް ނޭނގޭ،" އަބީޝެކް ބުންޏެވެ.
އަދި ސީދާ އަދިއްތުޔަގެ ފަރާތުން އެ ޚަބަރު ނުލިބެނީސް އެއްވެސް ރިޕޯޓެއް ގަބޫލު ނުކުރާނެ ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.
އަބީޝެކް ދެން އެންމެ އަވަހަށް ފަށާނީ އަނބިމީހާ އައިޝްވާރްޔާ ރާއީ ބައްޗަންއާއެކު ފިލްމު "ގުލާބް ޖާމުން"ގެ މަސައްކަތެވެ. މިއީ 10 އަހަރަށް ފަހު އެ ޖޯޑު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
އޭގެ އިތުރުން "ދޫމް 4" ގައި ވެސް އަބީޝެކް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. "ދޫމް" ސީރީޒްގެ ހުރިހާ ފިލްމަކުން ވެސް އަބީޝެކް ވަނީ ފެނިގެން ގޮސްފައެވެ.