ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ އީގަލްސް މާޒިޔާއާ ދެކޮޅަށް ނުކުތް މެޗުގައި ފަހު ވަގުތު ޖެހި ގޯލުން އީގަލްސް ބަލި ނުވެ ސަލާމަތްވެއްޖެއެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު 1-1ގެ ނަތީޖާއިން ނިމިގެން ދިޔަ އިރު، މެޗުގައި ގޯލުތައް ފެނިގެން ދިޔައީ ފަހު ހާފުގެވެސް ފަހު ކޮޅުގައެވެ.

މާޒިޔާއަށް ލީޑު ނަގައިދިނީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަމްބަރު 16 އިބްރާހިމް އަމްރު ޒިޔާއެވެ. އީގަލްސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 90 މިނެޓު ކުޅެ، ލިބުނު އިތުރު ވަގުތުގެ ދެ މިނެޓުގެ ތެރޭއި އެ ޓީމުގެ ޖާޒީ ނަމްބަރު 15 ހައިޝަމް ހަސަން އެވެ.

އިއްޔެގެ މެޗަށް ނުކުތް އިރު މާޒިޔާ އޮތީ މުބާރާތުގައި ކުރިން ކުޅުނު ދެ މެޗުން ވެސް އެއްވަރުވެފައެވެ. އެހެން ކަމުން މިހާރު އެ ޓީމަށް ލީގުގައި ލިބިފައި ވަނީ ޖުމްލަ ތިން ޕޮއިންޓެވެ.

މުބާރާތުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުން ވަނީ ނިއު ރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުގައި ނިއުގެ ޔޫސުފް ޖައިޝަމް ނާފިޒުގެ ދެ ގޯލާއެކު އެ ޓީމު ލީޑުގައި އޮއްވާ، އީގަލްސްއިން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެން މޮޅުވެފައެވެ. ނަމަވެސް އީގަލްސް ކުޅުނު ދެވަނަ މެޗުގައި ގްރީންސްޓްރީޓް އަތުން ގޯލެއް ނުޖެހި 0-0ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން މިހާރު އީގަލްސްއަށް ލީގުގައި ލިބިފައި ވަނީ ޖުމްލަ ފަސް ޕޮއިންޓެވެ.

ޔޫތް ޗެމްޕިއަންޝިޕުގައި ދެން ކުޅޭނީ ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓެވެ. އެ މެޗު އޮންނާނީ މިއަދު ހަވީރު ގަލޮޅު ދަނޑުގައެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި ހަތަރު ޓީމު ވާދަކުރާ އިރު، ލީގު އުސޫލުން ދެ ބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭނެއެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންމެ ފަހުން މުބާރާތް ބޭއްވި ތިން ފަހަރުވެސް ޗެމްޕިއަންކަން ހޯދި އީގަލްސްއެވެ. އެހެން ނަމަވެސް، އޭރު މުބާރާތް ކުޅުނީ 21 އަހަރުން ދަށުގެ ކުޅުންތެރިން ހިމަނައިގެންނެވެ.