މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ރާޖްކުމާރު ރާއޯ އަދި ޝްރައްދާ ކަޕޫރުގެ "ސްޓްރީ" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ފިލްމު ރިލީޒްކުރި ދުވަހު 6.82 ކުރޯޑްގެ އާމްދަނީއެއް ހޯދި އިރު، ހަފްތާ ދެވަނަ ދުވަހު "ސްޓްރީ" އަށް 10.78 ކުރޯރުގެ އާމްދަނީއެއް ލިބުނު ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ހާމަކޮށްފައެވެ. އެއާއެކު ދެ ދުވަހުން އެ ފިލްމަށް ޖުމްލަ 17.69 ކުރޯޑް ވަނީ ލިބިފައެވެ.

ފިލްމަށް ކްރިޓީކުންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުން އަންނަ އިރު، ބެލުންތެރިންނަށް ފިލްމު ވަރަށް ބޮޑަށް ވަނީ ކަމުގޮސްފައެވެ. އަދި ޝްރައްދާ އާއި ރާޖްކުމާރަށް ވެސް ތައުރީފުގެ ބަސްތައް އަންނަނީ ލިބެމުންނެވެ.

މިއީ ޝްރައްދާ އާއި ރާޖްކުމާރު އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު ނަމަވެސް، ދެމީހުންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

އިންޑިއާގެ ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ "ސްޓްރީ" އަކީ ބިރުވެރި މަޖާ ފިލްމެކެވެ.

އަމަރު ކޯޝިކް ޑައިރެކްޓުކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ދިނޭޝް ވިޖާން، ރާޖް އަދި ޑީކޭ އެވެ.