04 Sep 2018, 09:46
ޓްރީ ޓޮޕް ހޮސްޕިޓަލުން އާސަންދަ ހިދުމަތް ދޭން ފަށައިފިއެވެ.
ޓްރީ ޓޮޕް އިންވެސްޓުމެންޓުގެ އެއް ޑިރެކްޓަރު ގަދަގޭ އަހުމަދު ސަލީމް ސަން އަށް ވިދާޅުވީ، މިއަދުން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށްދާ މީހުންނަށް އާސަންދަގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް އާސަންދައިގެ ދަށުން 200 ރުފިޔާގެ ކަވަރޭޖު ލިބޭނެ ކަމަށެވެ. އަދި ޖެނެރަލް އެނެސްތީސިއާއަށް 350 ރުފިޔާގެ ކަވަރޭޖު، އަދި އެކްސްރޭ/މެމޮގްރާމްގެ ޚިދުމަތަށް 500 ރުފިޔާގެ ކަވަރޭޖު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
"އިންޕޭޝަންޓް ޚިދުމަތްތަކާއި، އައުޓްޕޭޝަންޓް ހުރިހާ ހިދުމަތަކަށް އާސަންދަ ލިބޭނެ،" ސަލީމް ވިދާޅުވިއެވެ.
"މާދަމައިން ފެށިގެން އަޅުގަނޑުމެންގެ ފާމަސީ އިންވެސް ޚިދުމަތް ލިބޭނެ،" ސަލީމް ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ލެބޯޓްރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޓްރީ ޓޮޕުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނީ މާލޭގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ އިންވެސް ލިބޭ ޕެކޭޖުތަކާ އެއް ވަރަކަށެވެ.
ރާއްޖޭގައި އާންމުކޮށް ލިބެން ނުހުންނަ ގިނަ ޚިދުމަތްތައް ތަޖުރިބާ ކާރު ޑޮކްޓަރުންގެެ އެހީގައި ޓްރީޓޮޕުން ދަނީ ފޯރުކޮށްދެމުންނެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް ގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެއެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފައެވެ.