21 Sep 2011, 22:16
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ "ދެ ވަނަ ފުރުސަތު"ގައި ހިމެނޭ 400 ކުށްވެރިންގެ ތެރެއިން ދޫކޮށްލާފައި ހުރި ގައިދީއަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަންއުޅުމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފި އެވެ.
ދެވަނަ ފުރުސަތު އޮފީހުގައި މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހަންމަދު ނައީމް (މޮނާޒާ) ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ތިބި ކުއްވެރިންގެ ތެރެއިން މީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ތުހުމަތުގައި ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ މިވަގުތު ހުރީ ފުލުހުންގެ ޑިޓެންޝަން ސެންޓަރުގައި ކަމަށެވެ. ފުލުހުންގެ ތަހުގީގަށް ފަހު އެ މައްސަލަ ސާބިތުވެއްޖެ ނަމަ އެމީހާ އެނބުރި ޖަލު ހުކުމަށް ފޮނުވާލާނެ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
"ފުލުހުން ވަރަށް އަވަހަށް ސްޓޭޓްމަންޓެއް މޭކް ކުރައްވާނެ. އަޅުގަނޑަށް ހީވަނީ އެއީ ކަންނޭނގެ އޭނާގެ ޓޮޕް ޕޮއިންޓަކީ. ނުޖެހޭނެ ކަންނޭނގެ ކޯޓު މަރުހަލާއަކަށް ގޮސްހަދާކަށް. ވަކި ހިސާބަކުން އަޅުގަނޑުމެން އެބަޖެހޭ ގޮތެއް ނިންމަން،" ނައީމް ވިދާޅުވި އެވެ. "އެކަން ސާބިތު ވެއްޖިއްޔާ އެނބުރި ޖަލަށްދާން ޖެހޭނީ. އެހިސާބުން އޭނަ އެހުރީ އަޅުގަނޑުމެންނާއި އާއިލާއާ ވި އެއްބަސްވުމާ ހިލާފުވެފައި،"
ފުލުހުންގެ އޮފިޝަލަކު ވެސް މިރޭ ވިދާޅުވީ އެ ޕްރޮގްރާމްގައި ހިމެނޭ 31 އަހަރުގެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭނާ ހައްޔަރު ކުރެވުނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އޭނާއާ "ގުޅުން ހުރި ތަނެއް" ބަލާ ފާސްކުރުމުގެ ތެރޭގައި އެތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހިތަކެއް ފެނުމުން ކަމަށެވެ.
މިރޭގެ ނޫސްކޮންފަރެންސުގައި ހެލްތުގެ ސްޓޭޓް މިނިސްޓްރު ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ ދެވަނަ ފުރުސަތުގެ ޕްރޮގްރާމްގެ ތެރެއިން ފަސް މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެެވެ. އޭގެތެރެއިން ތިން މީހަކު ޑިޓޮކްގެ ފަރުވާއަށް ފޮނުވާނެ ކަމަށާއި އަނެއް ދެ މީހުންގެ ފަރުވާއަށް އަދި ވަކިގޮތެއް ނުނިންމާކަމަށެވެ.
"އަނެއް ދެ މީހުންގެ ކެރެކްޓާ ހުރީ ޑިޓޮކްސް ފަރުވާ ދެވޭ ކަހަލަ ގޮތެއްގައެއް ނޫން. އެ މީހުންގެ އިތުރު ކުލިނިކަލް ޓެސްޓްތަށް ހަދަމުން މިދަނީ. އެއަށް ފަހު ސްޓިއަރިން ކޮމެޓީން ގޮތެއް ނިންމާނީ. އަނެއް ތިން މީހުން ޑިޑޮކްސް ފަރުވާ ދޭނެ،" ލުބްނާ ވިދާޅުވި އެވެ.
ދެވަނަ ފުރުސަތުގެ ހަމީހަކު އެކި މައްސަލަތަކުގައި އެ ޕްރޮގްރާމުން އެކަހެރިކޮށްފައި ވަނިކޮށް ދެވަނަ ފުރުސަތު ޕުރޮގްރާމް ކޯޑިނޭޓު ކުރެއްވުމުގައި އިސްކޮށްއުޅުއްވާ ހެލްތް މިނިސްޓްރީގެ އައިޝަތު ރަޝީދާ ވިދާޅުވީ އެ ޕްރޮގުރާމުގައި ހިމެނޭ 400 މީހުންގެ ތެރެއިން 134 ފަރާތެއް ދޫކޮށްލާފައިވާއިރު 68 ފަރާތެއް ވަނީ ތަމްރީން ޕްރޮގްރާމްތަކުގައި އެންރޯލްވެފައި ކަމަށާއި އޭގެތެރެއިން 11 ފަރާތެއް އެމްއެންޑީއެފްގެ އިންޖިނިއަރިން ކޯގައި ހަރަކާތެރިވަމުން އަންނަ ކަމަށެވެ. އަދި ވަޒީފާގައި 21 ފަރާތެއް އުޅޭއިރު ބާކީ ކުދިންވެސް ވަޒީފާގެ އިންޓަވިއުތަކަށް އެޓެންޑް ކުރަމުން އަންނަ ކަމަށެވެ.
ލުބުނާ ވިދާޅުވީ އެ ޕްރޮގުރާމްގެ ދަށުން މިނިވަން ކުރާ ގައިދީންގެ ތެރެއިން އަދި މިނިވަން ކުރީ 80 ޕަސެންޓް ކުއްވެރިން ކަމަށާއި އިތުރު ކުއްވެރިން މުޖުތަމައަށް ނެރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.
"ވަރަށް ގިނަ ބަޔަކު ހީފުޅުކުރައްވަފާނެ ދެން މި ނިމުނިއްޔޭ. އެކަމަކު އަދި 80 ޕަސެންޓް މި ދޫކޮށްލެވުނީ. މީގެ އިތުރު ބުރުތައް ކުރިއަށްދާނެ،" ލުބްނާ ވިދާޅުވި އެވެ.