04 Sep 2018, 08:51
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަ ވާހަކަ ދައްކާއިރު، ބަރުލަމާނީ ނިޒާމް ފަދަ ބޮޑު ބަދަލެއް ރައްޔިތުންނަށް ތަހައްމަލް ނުކުރެވޭނެ ކަަމަށް ރައީސް އޮފީސްގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރެވޭ ފަދަ ހާލަތަަކަށް ގައުމު ގޮސްފައިވޭތޯ ކުރި ސުވާލުގެ ޖަވާބުގައި އާޒިމާ ވިދާޅުވީ، ރައްޔިތުން ބަރުލަމާނީ ނިޒާމަކަށް ނޫނެކޭ ބުނެފައިވާއިރު ގާނޫނީ ގޮތުން ބަރުލަމާނީ ނިޒާމަކަށް ދެން ބަދަލުކުރެވޭނީވެސް ރައްޔިތުންގެ ނިންމުމާއެކު ކަމަށެވެ.
ރާއްޖޭގައި އޮންނާނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ވޯޓުގައި 60 ޕަސެންޓް އަގުލަބިއްޔަތާއެކު ދިވެހިން ނިންމައިފައިވަނީ ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮންނަން ފެންނަ ކަމަށެވެ. ނަމަވެސް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިއްޖެނަމަ ބަރުލަަމާނީ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.
" ގާނޫނީ މައްސަލައަށް ވުރެ އަޅުގަނޑުު ކަންބޮޑުވާކަމަަކީ އޭރު އަޅުގަނޑުމެން ފަސް އަހަރު ހޭދަކޮށްފަ މުޅިން އެ ފަސް އަހަރު ކުރި ކަމަކީ ކިޔަވައިގެންތިބި އެންމެންވެސް މި އަރާރުމުގައި އުޅުނީ ކޮންއެއްޗެއްތޯ ގާނޫނު އަސާސީގައި ލިޔާނީ. އަނެއްކާ އަނެއް ފަސްއަހަރުވެސް އަޅުގަނޑުމެން މި އުޅުނީ މިހެން. އަސްލު ގާނޫނީ ދުސްތޫރުގެ އޮނިގަނޑު ކުރިއަކަށް ނުދެވޭ،" އާޒިމާ ވިދާޅުވިއެވެ.
ކުރީގެ ގާނޫނުއަސާސީ ތަސްދީގުކުރެއްވި އިރުވެސް އޭގައި ހުރި ކަންބޮޑުވުންތަކުގެެ ވާހަކަ ދެއްކެވިކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި މިހާރުު އިދިކޮޅުގައި ތިއްބެވި ބޭފުޅުން، އޭނާ ގާނޫނުއަސާސީ ތަސްދީގުކުރިޔަ ނުދޭން މަސައްކަތް ކުރެއްވި ކަަމަށް ތުހުމަތު ކުރި ކަމަށްވެސް އާޒިމާާ ވިދާޅުވިއެވެ. އަދި މިހާރު އޭގައި ހުރި ކަންތައްތައް ބަދަލުކުރަން ބޭނުންވެގެން ހަމަ އެބޭފުޅުން ބޭނުންވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
" އޭރުވެސް އަޅުގަނޑު ދެންނެވިން އެހާ ބޮޑު ޗޭންޖެއް ރައްޔިތުންނަކަށް ތަހައްމަލެއް ނުކުރެވޭނެޔޭ. އަދި ގާނޫނު އަސާސީ ތަސްދީކުރައްވައިފިއްޔާ އިސްލާހުކުރައްވަން ޖެހޭނެ. އެކަންތައް ހުއްޓާލާފަަ އަޅުގަނޑުމެން އަނެއްކާ ބޮޑު ބަހުސަކަށް ދާންވީ. އަނެއްކާ ރިޔާސީ ނިޒާމެއްތޯ. އަނެއްކާ ސެނެޓެއް ގެންނާނީތޯ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ގެންނާނީތޯ. މިއެއް ދެން މިގައުމަށް ތަހައްމަލެއް ނުކުރެވޭނެ. މި ޓައިމެއް އަޅުގަނޑުމެންގެ ނެތް،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ކުރިންވެސް 12 އާއި 13 އަހަރު ރާއްޖެ ތަަރައްގީނުވެ ބޭކާރު ގޮތުގައި ހޭދަވެގެން ގޮސްފައިވާކަމަށެވެ. އަދި ކުރިންވެސް އެ ދުވަސްވަރު ހުރިހާ ކަމެއް ހުއްޓުވާފައި ކިޔަވައިގެން ތިބި މީހުންނާއި ވަސީލަތްތަކާއި ވަގުތާ ހޭދަކޮށްގެން ގާނޫނު އަސާސީ ލިޔުނު ނަމަވެސް އެއްކަމެއްވެސް ނުވި ކަމަށެވެ.
" އެހެންނަމަވެސް ހުރިހާ ކަމެއް ހުއްޓުވާފައި އެޔަށް ޓައިމް ވޭސްޓު ނުކޮށް އިށީނީމަ ދެއްތޯ ދިވެހިންގެ ގާބިލްކަން މި ފެނުނީ. ދިވެހިންނަކީ އަމިއްލައަށް ކަންތައްތައްކުރެވިދާނެ ބައެއްކަން އެނގިގެން ދަނީ މިހެންވެ،" އާޒިމާ ވިދާޅުވިއެވެ.