އަހަރެންގެ ފެށުން ހުދު އަހަންނަކަށް ވެސް ނޭނގެ އެވެ. ކިރިޔާވެސް އެނގެނީ ތުންތުންމަތިން އަހަރެންނާ ބެހޭ ގޮތުން ކިޔަމުން އައި ވާހަކަތަކެވެ. އެ ވާހަކަތަކަކީ ތެދެއް ކަމަށް ބައެއް ފަހަރު ގަބޫލުކުރެވެނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. އަަހަރެންގެ ޒަމީރު އަހަންނަށް މިއަދު ފެންނަނީ މަންޒިލެއް ނެތް މިސްރާބު ގެއްލިފައިވާ މުސާފިރެއްގެ ގޮތުގަ އެވެ. އަހަރެންގެ އަޖަލު އަހަންނާ ހަމަކުރުމުގެ ކުރިން އަހަރެންގެ ބަރުދާސްތައް އެއް ފަހަރު ނަމަވެސް އަޑުއަހާނަން ހެއްޔެވެ؟

މިއަދު އަހަރެންނަކީ އެންމެންގެ ގަދަރު ލިބި، އެންމެން އެއަކަށް ފެންބޮވައިގެންފައިވާ އަގުހުރި ޖަވާހިރެކެވެ. އަހަރެންގެ ކުޑަ ކުޑަ ކައިވަތެއްގެ މިންވަރު ވެސް އެއީ ރަނަށް ވުރެ އަގު ހުރި އެއްޗެކެވެ. ނަމަވެސް ބުނާތީ އަޑުއަހަމެވެ. ގިރާވަރު މީހުން މަސް ހިފައިގެން އައިސް އަހަރެންނާ ބައްދަލުކުރި ދުވަސްވަރު އަހަރެންނަކީ ލޭގެ ކޯރެކެވެ. އަހަރެންގެ ނަމުން ވެސް އެކަން ހަމަ ނޭނގުނު ހެއްޔެވެ؟

މަސްތައް ސާފުކުރަންދާ މާ ލޭ ކިއާ މި ފަސްގަނޑުގައި ރަސްކަމެއް އުފެދި އެ ރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ވީ ދުވަހެއް މިހާރު ފައިތުވެއްޖެ އެވެ. މިއަދު އަހަރެންނަކީ އެތައް ހާސް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކުޑަކުޑަ އަވަށެކެވެ.

މާލޭގެ މަގެއްގައި ބަޔަކު ސައިކަލް ދުއްވަނީ. މާލޭގައި ދުއްވާ އެއްޗެތި ގިނަވެ ތޮއްޖެހުމުގެ މައްސަލަ ވަރަށް ބޮޑު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކުޑަ ކުޑަ ރަށުގައި އުޅޭ ކޮންމެ މީހެއްގެ ވާހަކަ ވެސް ހަމަ އެހާމެ ތަފާތެވެ. އެންމެ ހައިރާން ވަނީ، އެންމެ ދެ ކިލޯ މީޓަރު ހުންނަ މި ކުޑަކުޑަ ތަންކޮޅުގައި އުޅޭ ގިނަ މީހުންނަކީ އެކަކު އަނެކަކަށް ބީރަށްޓެހިންނަށް ވީމަ އެވެ. އެކަމަކު މިއީ ކުރިން އަހަރެން ދުށް މަންޒަރެއް ނޫނެވެެ. ކުރިން މި ރަށުގެ އެއްބަޔަކު އެއްބަޔަކު އަނެއް ބަޔަކު ދަނެ އެވެ. އެއް ބަނޑުއެއްބަފާ މީހުންތަކެއް މިރަށުގައި އުޅުނު ޒަމާން ފާއިތުވެ، މިހާރު މީހުން އެކަކު އަނެކަކަށް ބަލަނީ ޝައްކާއި ވަހުމުގެ ނަޒަރުންނެވެ.

ވާނީ ވެސް އެހެންޏެއް ނޫން ހެއްޔެވެ؟ ވަށައިގެން ކެމެރާތައް ދިއްކޮށްގެން އޮންނަ އިރު ވައްކަމާއި ފޭރުމާއި މީހުން މެރުމާއި މާރާމާރީތައް ހިންގާލަނީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

އެއްބަޔަކަށް އެމީހުން މާލޭގައި ދިރިއުޅޭ ގެޔަކީ ކިރިޔަ ކިރިޔާ ވެއްޓެން ކައިރިވެފައި ހުރި ޖިފުޓި ގަނޑެކެވެ. އަނެއްބަޔަކު މާ ސިންގާ އުސްއިމާރާތްތަކުގަ އެވެ. ބުނާތީ އަހަމެވެ. މި ސަހަރުގެ ރައްޔިތުން މިހާރު މިރަށުގައި ވެސް ނޫޅެ އެވެ. އެ ވެރިން މިހާރު އުޅެނީ އެކި ކަރަކަރައިގަ އާއި ވިލާތުގެ އެކި ތަންތަނުގައި އާބާދުވެގެންނެވެ. މާ ސިންގާ އުސް އިމާރާތްތައް ހިތުހުރި އަގެއްގައި ކުއްޔަށް ދީފައި ރައްޔިތުމީހާ ދުވާލުދާ ހަތަރުދަމު އޮހޮރުވާ ދަލުން ލިބޭހޭ ފައިސާ ވަންނަނީ ވެސް ހަމަ އެވެރިންގެ ޖީބަށެވެ.

އެއް ރަށް ފުރި މީހުން ނޫޅެވޭ ވަރުވުމުން އަނެއް ރަށަށް ބަދަލުވުމަކީ ޒާމާނުއްސުރެ ވެސް އޮންނަ އުސޫލެވެ. އެއީ ހުރިހާ އެންމެންނަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. އާ ރަށް ރަށަށް ބަދަލުވެ އާ އިގްތިސާދުތައް ކުރިފަޅައި ހެދުމުން އިގްތިސާދަށް ވެސް އޭގެ ދުޅަހެޔޮކަން ފެނެ އެވެ. މުއްސަނދިކަން އެންމެންގެ ތެރޭގައި ދައުރުވެ އެވެ.

އަހަރެންގެ ސަހަރަކީ އަރެތެކެވެ. މި ސަހަރަކީ ކިތަންމެ ގިނަ ބަޔަކު އައި ނަމަވެސް " ނުފުރޭ" ސަހަރެކެވެ. ބުނާތީ އަޑު އަހަމެވެ. މިއީ މުޅި ދުނިޔޭގައި ވެސް ކުޑަތަންކޮޅެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ތަނެވެ. މިއީ ލަދު ހުރި ރެކޯޑެކެކެވެ.

މި ރަށަށް އޮންނަ ޑިމާންޑާ ހެދި އޮންނަ ބޮޑު ކުލީގެ ސަބަބުން ކިތަންމެ ކުދި ކުދި ކިތަންމެ ވިޔަފާރިއެއް ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާލައިފަ އެވެ. ބޮޑު ކުލި ދައްކައިގެން ބޮޑެތި ފިހާރަތައް ހިންގައިގެން އުޅެވެނީ ވެސް ހަމައެކަނި މުއްސަނދިންނަށެވެ. އެ ބޮޑު ކުއްޔާ ހުރެ ވިއްކާ ތަކެތިން ނަގާ ބޮޑު އަގާހުރެ ނިކަމެތި ރައްޔިތުން އުޅެންޖެހެނީ އަނގަޔާއި އަތާ ދިމާނުވެގެންނެވެ. ނުވި ތާކަށް މާ ދުރު ރަށްރަށުގައި އުޅޭ މީހުންނަށް ވެސް އޭގެ ތަކުލީފު އުފުލަން ޖެެހެ އެވެ.

އަހަރެން އެންމެ ދެރަވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ކުދި ކުދި ގޮޅިތަކުގައި އާއިލާތައް ގަނަތެޅޭތަން ފެންނާތީ އެވެ. އެ ތަންތަނުގައި އުޅޭ ކުދިން ހަމަޖެހިލައިގެން ދުވެލާ ކުޅެލާ ސާފު ވައި ނުލިބި ބޮޑުވާތަން ފެންނާތީ އެވެ. އެ މީހުންގެ ޒަމާން ފާއިތުވެ އެމީހުންގެ ދަރިންގެ ދަރިން ވެސް އެ ހާލުގައި އުޅޭތަން ފެންނާތީ އެވެ. މައިންބަފައިންނަށް އަނބިފިރިކަމުގެ ގުޅުން ހޭދަނުކޮށްލެވި ކައިވެނީގެ ގުޅުން ކެނޑި މުޖުތަމައުގައި ބޮޑެތި މައްސަލަތައް އުފަންވުމުގެ އަސްލަކީ ވެސް މި މާލޭގައި އުޅެން ޖެހިފައިވާ ނިކަމެތިކަމެވެ.

މާލޭގެ ގެއެއްގެ ތެރެ. ކުދިކުދި ތަންތަންކޮޅުގައި މީހުން ދިރިއުޅެނީ ވަރަށް ހާލުގައި---

މިއީ އަހަރެންގެ ބަރުދާސްތަކެވެ. މި ޝަކުވާތައް އަބަދު ކުރަން ނުޖެހޭނެބާއޭ ވެސް އަހަރެން ހިތަށް އަރަ އެވެ. އޭގެ ބައެއް ނިޝާންތައް ވެސް މިހާރު މަޑުމަޑުން ފެނެ އެވެ. ދާދި ފަހުން އަޑު އެހީމެވެ. ދެކުނު އެފްރިކާގެ ކޭޕްޓައުން އާއި އިންޑިއާގެ ބެންގަލޫރު ފަދަ ޝަހަރުތަކުން ފެން ހުސްވަނީ އެވެ.

ފެން ނުލިބެއްޖެ ނަމަ އިސާހިތަކު އެ ޝަހަރެއް ވީރާނާވެގެން ހިނގައިދާނެ އެވެ. ފެނަކީ އާބާދީއަކަށް އެއާ ނުލާ ނޫޅެވޭނެ އެއްޗެކެވެ. ހުދު އާބާދީ، މި ބަސް އައިސްފައި ވަނީ ކިިހިނެއްކަން އެނގޭ ހެއްޔެވެ؟ އެ ބަސް އައިސްފައި ވަނީ ފާރިސީ ބަހެއް ކަމަށްވާ "އާބް" އިންނެވެ. އޭގެ މާނައަކީ ފެނެވެ. މި ކުޑަ ކުޑަ ޝަހަރުގެ ރީތި ފެން ފަށަލަ ނެތިގޮސް ފެން ލޮނުވިތާ ކިތަންމެ ޒަމާނެއް ވެއްޖެ އެވެ. ނަމަވެސް ވަށައިގެން ކަނޑު އޮންނާތީވެ ލޮނު ފެން މީރުފެނަަށް ބަދަލުކުރެވެ އެވެ.

ފެން އަދި ލިބޭތީވެ މިރަށް އަދި ސަލާމަތުން އޮވެދާނެ ކަމަށް ހީވިޔަސް އެއީ ކުށްހީއެކެވެ. ތޮއްޖެހި ފުރި ބާރުވެފައިވާ އިރާނުގެ ވެރިރަށް ތެހެރާންގެ ބިންގަނޑުގެނބެމުންދާކަންސައިންސްވެރިން ހޯދިކަން އެނގޭހެއްޔެވެ؟ މި ސަހަރަށް ވެސް މިއީ އިންޒާރުގެ ރަނގަބީލެއްކަމަށް ނުބުނާނެ ޖާގައެއް އެބައޮތް ހެއްޔެވެ؟

ތިމާވެށީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި މާހިރަކު ބުނި އަޑު އެހީމެވެ. މާލެ ވަށައިގެން އޮތް ހިމާޔަތުގެ ގުދުރަތީ ތޮށްޓާ ހަމައަށް ހިއްކައި ބޮޑެތި އިމާރާތް ކުރަން ފެށީމ މަރުވެފައިވާ މާލޭގެ ކަނޑު ތޮށްޓަށް ވަރަށް ބާރު ބޮޑުވާނެ އެވެ. މާލޭގެ ފަރުގައި ރެނދުލިކަން ހަނދާން އެބަހުރި ހެއްޔެވެ؟

މާލޭގެ ފަރުގައި ރެނދުލާފައި---

މާލެއަކީ ސުވަރުގެއެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. ނަމަވެސް ވަށައިގެން ރަނގަޅަށް ބަލައި ވިސްނައިފި ނަމަ އިސާހިތަކު ތިޔަ އުޅެވެނީ "ނަރަކައެއް" ފަދަ ތަނެއްގައިކަން އިހުސާސްވާނެ އެވެ. އިގުތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި ތިމާވެއްޓާއި އަދި ގުދުތަރީ ހުރިހާ ގާނޫނަކުން މިނެކިރައި ބެލި ނަމަވެސް މާލޭގެ ތިލަފަތް ބަރުވާނީ ނާއިންސާފުގެ ކޮޅަށެވެ. މި ތަނުގައި ނެތް ފަސާދައެއް ނެތެވެ.

ތެލާއި ފެނާއި އެކުނުވާނެޔޭ ބުނާފަދައިން "މާލެ" އާއި "ސޯޝަލް ޖަސްޓިސް" އަކީ އަރައި ހަމަނުކުރެވޭނެ ދެ އެއްޗެކެވެ. ސޯޝަލް ޖަސްޓިސް އޭގެ ޒާތުގައި ވުޖޫދަށް އަންނަން ވެއްޖެ ނަމަ އެންމެ އެކަށީގެންވާ ހާލަތަކީ މާލެ ވީރާނާވެ މިރަށް ފަޅުވެގެން ދިއުމެވެ. މީގެ ކުރީގެ ހަލާރަތްތަކުގައި ވެސް ބޮޑެތި ސަހަރުތައް ވީރާނާވެފައިވާކަން އެނގޭ ހެއްޔެވެ؟ ގިރާވަރު މީހުން މަސްތައް ސާފުކުރަން މާލެ އައިސް ލޭގެ ކޯރުތައް ދެމުނުހެން ކޮންމެވެސް އެހެން ރަށެއްގެ ބަޔަކު ކުރިމަގުގައި މަސް ހިފައިގެން ލަފާތަނަކަށް މާލެވުމަކީ ހަގީގަތަކަށްވުން ހަމަ ވަރަށް ކައިރި ކަމެކެވެ.