ސިޔާސީ އެއްވެސް ޕާޓީއަކަށް ތަފާތުކުރުންތަކެއް އެ ކޮމިޝަނުން ގެންގުޅެފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އުފެއްދުމަށް ޓަކައި ހުށަހަޅަން ޖެހޭ ފޯމްތައް އެ ކޮމިޝަނަށް ބަލައިގަތުމުގައި ރިސެޕްޝަނިސްޓް އެ ފޯމްތައް ބަލައިގަތުމަކީ ކުރިން ކަން ހިނގަމުން އަންނަ އުސޫލާ ހިލާފަށް ކަމަށް ބުނެ ބައެއް މީޑިއަމްތަކުން ހަބަރު ފަތުރާފައި ވަނީ ހަގީގަތާ ހިލާފަށް ކަމަށެވެ.

އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފު އާދަމް ސޮއިކޮށް ނެރެފައިވާ އެއް ސަފުހާގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ އެއް ވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފޯމްތައް ހުށަހަޅާ މަރުހަލާގައި އެ ކޮމިޝަންގެ މެންބަރުން އެ ފޯމްތަކާ ހަވާލުވުމަކީ އެއް އިރެއްގައި ވެސް ކޮށް އުޅުނު ކަމެއް ނޫން ކަމަށެވެ.

"އުފެއްދުމުގެ މަރުހަލާގައިވާ ސިޔާސީ ޕާޓީއަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން ނަމަވެސް އެ ޕާޓީގެ މެންބާޝިޕް ފޯމްތައް މި ކޮމިޝަނަށް ހުށަހަޅުއްވާ އިރު، އެ ފޯމްތަކާ ހަވާލުވުމަށް ރަސްމިއްޔާތެއް ބޭއްވުމާއި އެފަދަ ފޯމްތަކާ މި ކޮމިޝަނުގެ މެންބަރުން ނުވަތަ މެންބަރަކު ހަވާލުވުމަކީ މި ކޮމިޝަނުގައި އެއް އިރެއްގައި ވެސް ގެންގުޅެފައިވާ އުސޫލެއް ނޫނެވެ،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެފަދަ ފޯމްތައް އެ ކޮމިޝަނަށް ބަލައިގަންނަނީ، އާންމު އުސޫލުން ސިޓީތަކާއި ތަކެއްޗާއި ހަވާލުވާ އުސޫލުން ކަމަށެވެ.

ނަމަވެސް ސަން އޮންލައިނުންނާއި ވީ ޓީވީންނާއި ދި ޓީވީ އިން އެ ހަބަރު ގެނެސްދީފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.