ހައްގުބަސް ބުނުމަކީ ވެރިކަމުގައި ހުންނަ މީހާއާ ދެކޮޅަށް ނުކުމެ ފިތުނަ އުފެއްދުން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެއަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ މުޖުތަމައުގައި އުނިކަންކަން ހުންނާނެ ކަމަށާއި އެކަން ރަނގަޅު ކުރަން އިލްމުވެރިން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް ތިމާ ހިތަށް އެރިހާ އެއްޗެއް ކިޔޭނެ ކަމަށް އެއްވެސް އިލްމުވެރިޔަކު ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ގައުމުތަކުގައި ހުންނާނެ ގަވާއިދުތަކާއި އުސޫލުތަކާއި ދައުލަތުން ހިފަހައްޓާ މަސްލަހަތުތަކާއި ސިޔާސަތުތައް. އެ ސިޔާސަތުތައް މުގުރާލާފައި ތިމާ ހިތައްއެރިހާ އެއްޗެއް ކިޔުމުގެ ފުރުސަތު އޮންނަން ޖެހޭނޭ. ތިމާ ނޫނީޔާ އެހެން އިލްމުވެރިއަކު ނެތޭ. އިލްމުވެރިންގެ ފަރާތުން މިރާއްޖޭގައި ހުރި މަންދޫބަކީ ތިމާ ކަމުގައި ދެކެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ކެމްޕެއިން ދަތުރުފުޅުގައި ކުޅުދުއްފުށީގައި ---

އޭނާ ވިދާޅުވީ ހައްގުބަސް ބުނުމުގެ ނަމުގައި ވެރިކަމުގައި ހުންނަ މީހާއަށް ކޮންމެ ފަސް އަހަރުން ހުކުމެއް ޖެހުމަކީ އިލްމުވެރިންނަށް އޮންނަ ހައްގެއް ނޫން ކަމަށެވެ.

އިލްމުވެރިންގެ މަސްއޫލިއްޔަތަކީ ހައްގުބަސް ބުނުންކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ "ހައްގުބަސް ބުނުމަކީ ބަޣާވާތް ކުރުމެއް ނޫން" ކަމަށެވެ.

"ހައްގުބަސް ބުނުމަކީ އެއީ ވެރިމީހާއާ ދެކޮޅަށް ނުކުމެ ފިތުނަ އުފެއްދުމެއްވެސް ނޫން. ހައްގުބަސް ބުނުމަކީ ހެޔޮމަގަށް ގޮވާލުން. ހެޔޮކަންކަން ބަޔާންކޮށްދިނުން. އެކަންތައްތަކަށް ދިވެހިރާއްޖޭގައި ފުރުސަތު އެބައޮތް. އެކަމަށް އެއްވެސް ހުރަހެއް ދިވެހިރާއްޖޭގައި އަދި މި ސަރުކާރުންވެސް ގާއިމްކޮށްފައެއް ނެތް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އެވާހަކަފުޅު ދެއްކެވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން އައްޑޫ ސިޓީ މީދޫގައި ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. އިލްޔާސް ވިދާޅުވީ މި ވެރިކަމުގައި އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ނުވަމަސް ދުވަސް ވަންދެން ހިފެހެއްްޓި ކަމަށާއި އެއީ އެހެން ސަރުކާރެއްގައި ކުރި ކަމެއް ނޫން ކަމަށެވެ.

ޑރ. ޝަހީމް ކެމްޕެއިން ދަތުރުފުޅުގައި ކުޅުދުއްފުށީގައި ---

އިލްޔާސްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ ނުބަލައި ޚުތުބާ ކިޔުމުންނެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ އޮންނަ އުސޫލުތަކާ ޚިލާފަށް ކަންތައްތައްކުރަންޏާ އެމީހެއްގެ ހުއްދަ ހިފަހައްޓަން ޖެހިއްޖެއްޔާ ހިފަހައްޓާނެ ކަމަށެވެ.

"އިހައްދުވަހުވެސް ބޭފުޅަކު ވިދާޅުވި ތިމަންނަގެ ހުއްދަ ބާތިލުކޮށްފިއޭ އެހެންނޭ މިހެންނޭ. އެ އޮންނަ އުސޫލުތަކާ ޚިލާފަށް ކަންތައްތައް ކުރަންޏާ އެމީހެއްގެ ހުއްދަ ހިފަހައްޓަން ޖެހިއްޖެ ހާލަތެއްގައި ހިފަހައްޓާނެ ދެއްތޯ. އެކަމު ދެން އެހުއްދަ ދިން ވާހަކައެއް އޭގެ ފަހުން ކިތައް ހުތުބާ ކީ ވާހަކައެއް ވިދާޅެއް ނުވޭ،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ހުއްދަ ބާތިލު ކުރީ "ކަމެއް ކުރަން ޖެހޭ ގޮތާ ޚިލާފަށް ކަމެއް ކުރީމަ" ކަމަށެވެ. ނުބަލައި ޚުތުބާ ކިޔުމަކީ ރާއްޖޭގައި މިހާރު ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ގޮންޖަހާފައި ޚުތުބާ ދިނީމަ އެކަން ކުރީ ކީއްވެތޯ ބަލަން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"މި ސަރުކާރަކުން ދީނީ ދަރުހަކަށް ދީނީ ފަތުވާއަކަށް ދީނީ ކަމަކަށް ހުރަހެއް ނާޅާ،" ޑރ. ޝަހީމް ވިދާޅުވި އެވެ.