މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް،18، މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

އާގިލް މަރައިލި މައްސަލާގައި ހޯދަން އިއުލާނުކޮށްފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު،18، އެވެ.

ހަމްޒަތު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އާގިލް މަރާލާފައި ވަނީ ހުކުރު ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ އެވެ. އާގިލް މަރާލާފައިވަނީ އޭނާގެ ކަރަށް ވަޅިން ހަމަލާދީގެންނެވެ.

ފަހަކަށް އައިސް ވަޅިން ހަމަލާދީ، މާރާމާރީ ހިންގުން މާލެ އާއި ހުޅުމާލޭގައި ވަނީ އާންމުވެފަ އެވެ. މިދިޔަ ހަފްތާގައި ކޯރާޑިއަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި އިރު، އޭޑީކޭ ހޮސްޕިޓަލުގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.