04 Sep 2018, 10:22
ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް އޭނާގެ ބައްޕަ އަދި ކުޅަދާނަ ޕްރޮޑިއުސަރު/ޑައިރެކްޓަރު މަހޭޝް ބަޓްގެ ކުރިޔަށް އޮތް ފިލްމު "ސަޅަކް 2"ގައި ފެންނާނެ ކަމަށް ބުނެފިއެވެ.
މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި "ސަޅަކް"ގެ ދެވަނަ ބައެއް ތައްޔާރު ކުރަނީ ވެސް އެ ފިލްމުގައި ކުރީގައި އުޅުނު ތަރިންނާވެސް އެކުގައެވެ.
"ސަޅަކް" އިން ސަންޖޭ ދަތާއި ޕޫޖާ ބަޓް ފަދަ ތަރިންގެ މޮޅު ހުނަރު ވަނީ ދައްކާފައެވެ. މިފަހަރުގެ ފިލްމުގައި އެތަރިން ފެންނާނެ ކަމަށް މަހޭޝް ބުނެއެވެ. އާލިއާ އޭނާގެ ބައްޕަގެ ފިލްމަކުން ފެންނަ ތަން ބަލާލަން ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.

ފިލްމު "ސަޅަކް" ގެ ޕޯސްޓަރެއް...
ނަމަވެސް "ސަޅަކް 2"ގައި އާލިއާ ފެންނާނީ ކޮންކަހަލަ ރޯލަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މަހޭޝްގެ އިންޓަވިއުއެއްގައި ބުނެފައިވަނީ ސަންޖޭ ފެންނާނީ "ސަޅަކް"ގައި އޭނާ ފެނިގެންދިޔަ ރޯލުން ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ދިރިއުޅުން ބަދަލުވެފައިވާ ގޮތް "ސަޅަކް 2" ގައި ސަންޖޭ ދައްކުވަދޭނެ ކަމަށް ވެސް މަހޭޝް ފާހަގަކުރިއެވެ.
"ސަޅަކް 2" ބިނާވެފައިވަނީ ޅައުމުރުގެ އަންހެން ކުއްޖެއްގެ ހަޔާތުގައި ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެ ފިލްމު ވާނީ ވަރަށް އިމޯޝަނަލް ފިލްމަކަށެވެ.
"ސަޅަކް 2" ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރު ނޮވެމްބަރު 15ގައެވެ.