ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ޕީޕީއެމްގެ ފަރާތުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ތަކެއް ކުރުމަށް ނިންމަވާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ސެކެޓްރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް )މުންދު( ވިދާޅުވީ އަތޮޅު ތެރޭގައި ތިބި އެ ޕާޓީ އަށް ތާއީދު ކުރާ މީހުންނަށް ޕީޕީއެމްއާ ގުޅުުމުގެ ފުރުސަތު ހޯދައިދިނުމަށް ދަތުރު ތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ ތިން މަސް ތެރޭގަ ރާއްޖޭގެ އެކި ކަންކޮޅު ތަކެއްގައި އަހަރުމެންގެ ޕާޓީގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުން ހަރަކާތްތެރިވާނެ. އަދި އެރަށްތަކުގައި ތިއްބެވި މެމްބަރުން ޕާޓީ އަށް ވަނުމަށް ފޯމް ފުރުމުގެ ކަންތައްތައް އަޅުގަނޑުމެންގެ ހާޒިރުގައި ކުރިއަށް ގެންދެވޭނެ، " މުންދު ވިދާޅުވި އެވެ.

މުންދު އިތުރަށް ވިދާޅުވީ މި ދަތުރުތައް އަމާޒުކޮށްފައި ވަނީ ހަމަ އެކަނި އާބާދީ ބޮޑު ރަށްތަކަށް އެކަނި ނޫން ކަމަށާއި އެ ޕާޓީގެ މިދަރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ބޮޑު ރަށަކަށް އަރާފަ އެހިސާބުން ނިންމާލުމެއް ނޫން. ރަށް ކިތަންމެ ކުޑަޔަސް އަދި އެތަނަށް އަރަން ކިތަންމެ ދަތި ވިޔަސް، އަޅުގަނޑުމެންގެ މަގްސަދަކީ އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ވަަރަކުން ހުރިހާ ރަށްތަކަކަށް ވެސް ދިއުން،" މުންދު ވިދާޅުވި އެވެ.

ހަމަ އެހެންމެ މާލޭގައި ޑޯ ޓު ޑޯ ކެމްޕޭނެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. އެ ކެމްޕޭނުގެ ބޭނުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އެޕާޓީ އަށް ވަންނަން ބޭނުންވާ މީހުންގެ ތެރެއިން ސޮއިކުރަން ދާން އުޒުރުވެރިވެފައި ތިބި ފަރާތްތަކަށް ފުރުސަތު ހުޅުވާލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަތޮޅު ތަކަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުތަކުގެ ތެރެއިން ބައެއް ދަތުރުތަކުގައި މައުމޫން އަބަދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން މުންދު ފާހަނގަކުރެއްވި އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް މިދަތުރުތަކުގައި ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.