03 Sep 2018, 17:26
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށްގެންދާ އެއްބިލިއަން ޑޮލަރުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ފަސިންޖާ ޓަމިނަލް ތަރައްގީކުރުމަށް މިހާރު ބޭނުންކުރާ ޓާމިނަލްގެ ބައެއް ތަޅާލައިފިއެވެ.
ތިން ސަތޭކަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޕައިލިންގެ މަސައްކަތެވެ. އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން 73،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ފެށުމަށް މިހާރު ބޭނުންކުރާ ޓާމިނަލްގެ ތިން ގޭޓަކާއި އެއާލައިން އޮފީސް ހުރިބައި ވަނީ ތަޅާލައިފައެވެ.
އެއާލައިން އޮފީސްތައްް އެހެން ސަރަހައްދަކަށް ބަދަލުކޮށް ގޭޓުތައްވެސް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ޓާމިނަލްގެ މަސައްކަތް ނިމުމާއެކު މިހާރު އިންޓަނޭޝަނަލް ޓާމިނަލުން ލިބޭ ހިދުމަތްތަކަށްވުރެ ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރަށް ތަރައްގީކުރާ އާ ޓާމިނަލްގައި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖުތައްވެސް ގާއިމް ކުރާނެއެވެ.