03 Sep 2018, 18:54
ރިންގް ރޯޑުގެ ނަމުގައި ތާރު އަޅައިގެން މާލޭގައި ތަރައްގީކުރާ މަގު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.
ހައުސިން މިނިސްޓްރީ އިން މީގެ ކުރިން ބުނީ ރިންގު ރޯޑު ހުޅުވާލާނީ މިއަދު ކަމަށެވެ. ނަމަވެސް "ސަން" އިން ގުޅާލުމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސައިން ވިދާޅުވީ މަގުގެ ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.
ރިންގް ރޯޑު ހަދަނީ ހަތަރު ލޭނަށެވެ. އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށް، ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
ބްރިޖާ ގުޅިގެން ހުޅުމާލޭގައިވެސް ވަނީ ހައިވޭއެއް ގާއިމުކޮށްފައެވެ.
ރާއްޖޭގެ ތާރީޚް ބަދަލުކޮށްލާނެ ސިނަމާލެ ބްރިޖު މިދިޔަ މަހުގެ 30 ގައި ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.
ބުރިޖުގެ ރަސްމީ ދަތުރުތައް އަންނަ ހުކުރު ދުވަހު ފަށާނެއެވެ.
ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު މިއީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒެކެވެ.
ބްރިޖު ހުޅުވުމަށް ބޭއްވި ތާރީޚީ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ބްރިޖު ހުޅުއްވައިދެއްވުމާއެކު ލޭޒާ ޝޯ އަދި ބަޑިބޭހުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.