ހުޅުމާލެ ފޭސް 2ގެ އޯޕަން އެކްސަސް ފައިބަރ ނެޓްވޯކް، ގާއިމު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކެލިކްސް ސަރވިސަސް އާއި އެކު ސޮއި ކޮށްފިއެވެ.

މިއަދު ހެނދުނު އެޗްޑީސީގައި މި މަޝްރޫއު ލޯންޗުކުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު ނާސިފް ވިދާޅުވީ މި މަޝްރޫއާ އެކު ހުޅުމާލެ ވެގެން ދަނީ އޭޝިއާގެ ފުރަތަމަ 100 ޕަސެންޓް ގިގަބައިޓް ސްމާޓް ސިޓީއެއް ކަމަށެވެ. އަދި އެމެރިކާއާ އެއްވަރަށް ހައިސްޕީޑް އިންޓަނެޓު ލިބޭނެ ކަމަށެވެ.

ނާސިފް ވިދާޅުވީ، މިހާރު ފެންނަނީ މާލޭގައި އެކި އޮޕަރޭޓަރުން އެކި ނެޓްވޯކްތައް ގާއިމުކޮށްފައިވާ ތަން ކަމަށާއި ނަމަވެސް ހުޅުމާލެ ފައިބަރ ނެޓްވޯކް މަޝްރޫއާއެކު އެއް ނެޓްވޯކެއްގެ ތެރެއިން ހުރިހާ ސާވިސް އޮޕަރޭޓަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ފޭސް 2ގައި ރައްޔިތުން ދިރިއުޅެން ފަށާއިރު ވަރަށް ގިނަ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އެންމެ މުހިންމު އެއްކަމަކީ ސީންލެސް ވުމާއި އަންއިންޓްރަޕްޓެޑް ކޮމިއުނިކޭޝަންއާއި ކަނެކްޓިވިޓީ ލިބިގެން ދިއުން، އަދި މިހާރު ރާއްޖޭން ލިބޭ އިންޓަރނެޓް ސްޕީޑަށް ވުރެ ޚިދުމަތް އާދަޔާ ހިލާފަށް އަވަސް ވެގެން ދާނެ،" މިހާރު ލިބޭ ކަންކްޝަންގައި ދިމަވާ ދަތިތަށް ފާހަގަކޮށް އެ ދަތިތަކަށް މި މަޝްރޫއު ތެރެއިން ހައްލު ލިބިގެން ދާނެކަން ފާހަގަކުރަމުން ނާސިފް ވިދާޅުވި އެވެ.

ނާސިފް ވިދާޅުވީ ހުޅުމާލެ އިންފްރާކްޗާރ ފުރިހަމަ ވެގެން ދާއިރު ބޭނުންވަނީ ރައީސް ޔާމީނުގެ ޒަމާނީ ތަސައްވަރާއިއެކު ޒަމާނަށް އަންނަ ބަދަލާއިއެކު ފަހުގެ ޓެކްނޮލޮޖީއަށް ރަށްޔިތުން ހޭނުވުން ކަމަށެވެ. އެގޮތުން މިއަދު ފެނިގެން މިދަނީ ތަހްޒީބު މުޖްތަމައުއަކަށް އިތުރު ހަރުފަތްތަކަށް ގެންދަން ކުރެވޭ މަސައްކަތް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެލިކްސް ސަރވިސަސްގެ އޭރިއާ ވައިސް ޕްރެސިޑެންޓް، ސްޓެފަން އައިރީ ވިދާޅުވީ ހުޅުމާލެ ކަހަލަ މީހުން ގިނަ ތަނަކަށް މިއީ ވަރަށް ބޭނުން ތެރި ކަމެއް ކަމަށާއި ވިޔަފާރިވެރިންނަށް މިއީ ބޭނުންތެރި އެއްޗަކަށް ވެގެން ދާނެ ކަމަށެވެ. މިޚިދުމަތް ގާއިމުކުރެވިގެން ދިއުމާއެކު ވީޑިއޯ އަދި އޯޑިއޯ ކޮންފެރެންސް ތައް އަވަސް ކަމާއި އެކު ހައި ކޮލިޓީގައި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ދިރާގާއި އުރީދޫއިން ރާއްޖޭގައި ފައިބާގެ ޒަރިއްޔާއިން އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދެއެވެ.