03 Sep 2018, 15:04
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 71 ވަނަ ބައްދަލުވުން އިންޑިޔާގެ ނިއުދިއްލީގައި މިއަދު ފަށައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ ތިނަކުން ހަތަކަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ ސަރަޙައްދުގެ ޞިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަންނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު އެއް ބައްދަލުވުމެވެ.
މިއަހަރުގެ ބައްދަލުވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުރިޔަށް އޮތް ފަސް އަހަރަށް މިސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އިންތިޙާބު ކުރުން ހިމެނެއެވެ.
މިއަހަރުގެ ރީޖަނަލް ކޮމެޓީގައި ޞިއްޙީ ޙިދުމަތްތަކުގައި ބޭނުންކުރެވޭ ބޭހާއި، ވެކްސިން އަދި އެހެނިހެން މެޑިކަލް ޑިވައިސަސް ހޯދުމާއި ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ޚާއްޞަކޮށްގެން ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްޞަ ރައުންޑް ޓޭބަލް ބައްދަލުވުމެއް ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "ދިއްލީ ޑެކްލަރޭޝަން އޮން އެކްސެސް ޓު މެޑިކަލް ޕްރޮޑަކްޓްސް"ގެ ނަމުގައި ގަރާރެއް ފާސްކުރާނެއެވެ.
މީގެ އިތުރުން ދުނިޔޭގައި ޢާއްމުވަމުންދާ ޞިއްޙީ މައްސަލަތަކާއި މިސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ސިއްޙީ އިމަރޖެންސީ ހާލަތްތަކަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކާއި ގައިންގައިން އަރާ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތައް ދަށްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ޅަފަތުގައާއި 5 އަހަރުންދަށުގެ ކުދިން މަރުވުމަށް ދިމާވާ ސަބަބުތަކާއި އެފަދަ ކަންތައްތައް ހައްލުކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަސައްކަތްތަކާމެދުވެސް ވާހަކަ ދެކެވިގެންދާނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީ އަދި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެންދާނެއެވެ.
މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން މިސަރަޙައްދަށް ކަނޑައަޅާފައިވާ ރީޖަނަލް ޑައިރެކްޓަރ އާ ވެސް ދިވެހި ވަފްދުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.