03 Sep 2018, 13:44
ސްޓާ ޕްލަސްއިން މީގެ ކުރިން ދެއްކި ޑްރާމާ ސިލްސިލަ ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި ޑްރާމާ އަކަށް "ކަސޯޓީ ޒިންދަގީ ކީ" ވާނެ ކަމާމެދު ޝައްކެއް ނެތެވެ. ދިވެހިންގެ ތެރޭގައި ވެސް އެ ޑްރާމާ ނުލާހިކު މަގުބޫލުވިއެވެ.
ދެހާސް އެއްވަނަ އަހަރު ދައްކަން ފެށި އެ ޑްރާމާ ނިމިގެން އެގާރަ ވަރަކަށް އަހަރު ވެފައި ވަނިކޮށް މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު މިއުޅެނީ "ކަސޯޓީ"ގެ ދެވަނަ ބައެއް ބެލުންތެރިނަށް ގެނެސްދޭށެވެ. މި މަހުގެ 25 ވަނަ ދައްކަން ފަށާނެއެވެ. މި ފަހަރުގެ ސީޒަން ބަލަން ވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާނެ ކަން ކަށަވަރެވެ.

ކަސޯޓީ 2 ގެ ޕޯސްޓަރެއް...
އެގޮތުން މިހާރު ދަނީ އެކި ގޮތް ގޮތަށް "ކަސޯޓީ 2"ގެ ޕްރޮމޯޝަންތައް ޖައްސަމުންނެވެ. ޓްރެއިލާތައް ވެސް ދަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދެމުންނެވެ. މިފަހަރުވެސް ދޫކޮށްލީ ތަފާތު ޓްރެއިލާ އެކެވެ.
ޓްރެއިލާ ފެށިގެން އަންނަނީ މިފަހަރުގެ ސީޒަންގެ ތިން އެޕިސޯޑް ނެރޭޓްކޮށްދޭ ބޮލީވުޑް ބަތަލް ޝާހްރުކް ހާންއާ އެކުއެވެ. އޭނާ ކޮޅަށް ހުރެ އެއްލާލާ ރަތް ދޯޕައްޓާ ގޮސް އެޅެނީ އަނޫރާގާއި ޕްރޭނާގެ ބޮލުގައެވެ. އެއަށްފަހު ދެން ފެންނަނީ އެދެމީހުންގެ ލޯބީގެ ފެށުމެވެ. ޓްރެއިލާ ވަރަށް ހިތްގައިމެވެ.
ޝާހުރުކް އެއްލާލި ރަތް ދޯޕައްޓާ ކެހުމުން މިފަހަރުގެ ސީޒަންގައި ފެންނަ އަނޫރާގު ޔަގީންވިއެވެ. މި ސީޒަންގައި އަނޫރާގު ރޯލު ކުޅެނީ "ކެއިސީ ހޭ ޔާރިއާން" ގައި މުހިއްމު ރޯލެއް އަދާކުރި ޕާރްތް ސަމްތާން އެވެ. މީގެ ކުރިން ދެއްކި ޓްރެއިލާ ތަކުގައި ސަމްތާން ކަން ޔަގީނެއް ނުވެއެވެ. އަދި އެކްތާ ވެސް އޮތީ އަނޫރާގަކީ ކާކުކަން ސިއްރުކޮށްފައެވެ.
(ސަމްތާން) އަނޫރާގާ އެކު ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޭޒް އެވެ. އަދި ކުރީގެ ސީޒަންގައި ވިލަންގެ ރޯލު ކުޅުނު ކޮމަލިކާގެ ރޯލުން މިފަހަރު ފެންނާނީ ހީނާ ޚާން އެވެ. ސަމްތާން (އަނޫރާގު) އަދި އެރިކާ (ޕްރޭނާ) އަންނަނީ މިހާރުވެސް އަވަދިނެތި ޑްރާމާގެ މަންޒަރުތައް ޝޫޓް ކުރަމުންނެވެ.

"ކަސޯޓީ 2" ގައި ޕްރޭނާ އާއި އަނޫރާގު އަދި ކޮމަލިކާގެ ރޯލު ކުޅޭ ތަރިން...
މި މަހުގެ 25 ވަނަ ދުވަހަށް ގިނަ ބަޔަކު ތިބީ އިންތިޒާރު ކޮށްގެންނެވެ. ދިވެހިންވެސް ތިބީ މިފަހަރުގެ ސީޒަންނަށް ކެތްމަދުވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިހެން ބުނަން މިޖެހުނީ "ކަސޯޓީ 2" ގެ ފުރަތަމަ ޓްރެއިލާ އާންމުކުރި ހިސާބުން ފެށިގެން ގިނަ ދިވެހި ޒުވާނުންގެ ފޭސްބުކް އަދި ޓްވިޓާގައި އެ ޓްރެއިލާ ފޯރީގައި ޝެއަރ ކުރުމުންނެވެ.