ނޭޕީޑޯ (ސެޕްޓެމްބަރު 3): މިޔަންމާގެ ރަސްމީ ލިޔެކިޔުންތަކެއް ގަވާއިދާ ހިލާފަށް ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމުން ރޮއިޓާސްގެ ދެ ނޫސްވެރިއަކު ހަތް އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ވާ ލޫން އާއި ޗޯ ސޯ އޫ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޔަރު ކުރީ، ރާހިން ސްޓޭޓުގެ އިން ޑިން އަވަށުގައި މިޔަންމާގެ އަސްކަރިއްޔާ އިން 10 މީހަކު މަރާލި ހާދިސާ ތަހުގީގު ކުރަމުން ދަނިކޮށެވެ.

އެތަހުގީގާ ގުޅިގެން މިޔަންމާގެ ފުލުހުން ވަނީ އެދެ ނޫސްވެރިންނަށް ލިޔެކިޔުންތަކެއް ދީފަ އެވެ. ނަމަވެސް ފަހުން އެލިޔެކިޔުންތައް ގެންގުޅުނު ކަމަށް ބުނެ އެމީހުން ހައްޔަރުކޮށްފަ އެވެ.

ލޫން އާއި ސޯ އޫ ވަނީ އެމީހުން ގާނޫނާ ހިލާފު ކަމެއް ނުކުރާ ކަމަށާއި އެއީ އެމީހުން ހައްޔަރު ކުރުމަށް ފުލުހުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

"އަހަރެންގެ އެއްވެސް ބިރެއް ނެތް. އަހަރެން ގޯސް ކަމެއް ނުކުރަން. އަދި އަހަރެން އިންސާފާއި، ޑިމޮކްރަސީ އާއި މިނިވަންކަމަށް އިތުބާރުކުރަން،" ވާ ލޫން ބުންޏެވެ.

އެހުކުމާ ގުޅިގެން ރޮއިޓާސްގެ އެޑިޓާ އިން ޗީފް ސްޓީވެން އެޑްލާ ވަނީ "މިއަދަކީ މިޔަންމާ އާއި ރޮއިޓާސްގެ ނޫސްވެރިން ވާ ލޫން އާއި ޗޯ ސޯ އޫ އަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހިތާމަވެރި ދުވަހެއް" ކަމަށް ވިދާޅުވެފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ފަހުން ވަނީ އިން ޑިން އަވަށުގެ ގަތުލުތައް ތަހުގީގުކޮށް، އެމައްސަލާގައި ހަތް ސިފައިންގެ މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. (ބީބީސީ)