03 Sep 2018, 12:24
މި ސީޒަނުގެ ސްޕެނިޝް ލަލީގާއަށް އަލަށް ޕްރޮމޯޓުވި ހުއެސްކާ ކޮޅަށް ބާސާއިން އަށް ގޯލު ޖަހައި ތަފާތު ބޮޑު ނަޓިޖާއަކުން މެޗު ކާމިޔާބު ކޮށްފި އެވެ.
ރޭގެ މެޗު ނިމިގެން ދިޔައީ 8-2 ގެ ނަތީޖާއިންނެވެ. އެ މެޗު ކުޅުނީ ބާސާގެ ދަނޑު ކަމަށްވާ ނޫ ކޭމްޕްގަ އެވެ.
އެ މެޗުގެ ތިން ވަނަ މިނެޓުގައި ހުއެސްކާއިން ވަނީ ލީޑު ނަގައި ބާސާގެ ސަޕޯޓަރުން ސިއްސުވާލައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ކޫޗޯ ހެނާންޑޭޒް އެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި މެސީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ބާސާއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ ހުއެސްކާގެ ޖޯގޭ ޕުލީޑޯ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެއަށް ފަހު ލީޑު އިތުރަށް ފުޅާ ކުރީ ސުއާރޭޒް އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއެސްކާގެ އަލަހަންޑްރޯ ފަލްޖުއޭރާ ވަނީ ގޯލު ޖަހައި ލީޑު ހަނިކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ހުއެސްކާ ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ. ގޯލްތައް ޖެހީ އުސްމާން ޑެމްބެލޭ، އިވާން ރަކިޓިޗް، މެސީ، ޖޯޑީ އަލްބާ އަދި ސުއަރޭޒެވެ. ސުއާރޭޒްގެ ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައި ޖެހި ގޯލުގެ ތަފާތުން، ބާސާ މިވަގުތު އޮތީ ލަލީގާ ތާވަލުގެ އެއްވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓު ހޯދައިފައިވާ ރެއާލް މެޑްރިޑް އޮތީ ދެވަނައިގަ އެވެ. ތިންވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ސެލްޓާވީގޯ އެވެ.