21 Sep 2011, 17:24
މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު އޮވެން ހާގްރީވްސްގެ އުންމީދުތަކުގެ ތެރޭގައި ގައުމީ ޓީމަށް އެނބުރި އައުން ހިމެނިއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު ގިނަ ފަހަރެއްގެ މަތިން އަނިޔާއާއި ކުރިމަތިވި އޮވެން ހާގްރީވްސް ހިލޭ ޓްރާންސްފާ އެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް މެންޗެސްޓާ ސިޓީއާއި ގުޅިފައިވަނީ ޓްރާންސްފާ ޕީރިއަޑުގެ އެންމެ ފަހު ދުވަހު އެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅެފައިވާ އުމުރުން 30 އަހަރުގެ ހާގްރީވްސް އަށް ލިބެމުންދިޔަ އަނިޔާތަކާއި ގުޅިގެން ހަތަރު އަހަރު ތެރޭގައި އޭނާ އެކުލަބުން ފެނިފައި ވަނީ 18 މެޗުން ނެވެ. ކާލިންގް ކަޕްގައި ބާމިންގްހަމް އާއި ދެކޮޅަށް މެން ސިޓީ ކުޅޭ މެޗަށް ނުކުތުމަށް ތައްޔާރަށް ހުރި ހާގްރީވްސް ގެ އުންމީދުތަކުގެ ތެރޭގައި އިނގިރޭސި ގައުމީ ޓީމަށް އެނބުރި އައިސް ވިދާލުން ހިމެނެ އެވެ.
"މިސީޒަނުގައި އަހަރެންގެ ބައެއް އުންމީދުތައް ލިޔެފައިވާނެ. އަހަރެން މިވަގުތު ބޭނުމީ އެނބުރި ދަނޑަށް ނުކުންނަން. އެއީ އަހަރެންގެ އަތުން ގެއްލިފައިވާ ކަމެއް. އަހަރެން އަބަދުވެސް ގަދަ އަޅާ މަސައްކަތް ކުރަން. އަދި އަހަރެން އުންމީދުކުރާ ގިނަ ކަންތައްތަކެއް ކުރިންވެސް ހާސިލުކުރެވޭ. ގައުމީ ޓީމަށް އެނބުރި އައުން ވެސް އެއީ އަހަރެންގެ އުންމީދެއް. އަހަރެން އެކަމު މަޑު މަޑުން އެކަން ހާސިލުކުރުމަށް މަސައްކަތް ކުރާނީ." ހާގްރީވްސް ބުންޏެވެ.
ގިނަ ދުވަސްތަކަކަށް ބެޔާން މިއުނިކަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު އޯވެން ހާގްރީވްސް އަކީ އެކުލަބަށް ކުޅުނު ދުވަސްވަރު ވިދާލި ކުޅުންތެރިއެކެވެ. ނަމަވެސް މެންޔޫއަށް ބަދަލުވުމަށް ފަހު ކުރިމަތިވަމުން ދިޔަ އަނިޔާތަކާއި ގުޅިގެން އޭނާގެ ކުޅުން ދެއްކޭ ގޮތް ވެފައެއް ނުވެ އެވެ.