ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅިގެން ޝެއިހް އިލްޔާސް ހުސެއިން ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައުލޫމާތު ނެގުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝެއިހް އިލްޔާސް ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި އެ މަރާ ގުޅިގެން އިތުރު ޒުވާނުންތަކެއް ވެސް މަރާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ސޯޝަލް މީޑިއާގައި އަޅުގަނޑުމެނަށް ފެނިގެންދިޔަ ހަބަރުތަކަށް ބަލާއިރު ނުވަ ވަރަކަށް ޒުވާނުން އެއްވެސް ކަހަލަ ރަހުމެއް ނެތް ގޮތުގައި މަރާލެވެއްޖި. ކީއްވެހޭ ތަހްގީގް ނުކުރެވުނީ،" އިލްޔާސް ވިދާޅުވިއެވެ.

ޝެއިހް އިލްޔާސްގެ އެ ވާހަކަތަކާއި ގުޅިގެން ނިހާން ވިދާޅުވީ، ޑރ. އަފްރާޝީމްގެ ގާތިލުން އެނގޭ ކަމަށް އިލްޔާސް ވިދާޅުވެފައިވާ ކަމަށާއި އެހްނެ ކަމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައުލޫމާތު ސާފުކުރަން ޖެހޭ ކަމަށެވެ.

އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމަށް ހަމަލާދީ އޭނާ މަރާލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގު ރޭގައެވެ. ޑރ. އަފްރާޝީމަށް ހަމަލާދީފައިވަނީ ޓީވީއެމްގެ ޕްރޮގްރާމެއް ނިންމާލުމަށްފަހު އަމީނީ މަގު ކުޑަކުދިންގެ ބަގީޗާ ކުރިމަތީގައި ހުރި އޭނާ ދިރުއުޅުނު ހ. ފުންވިލް ގެއަށް ވަނުމާއި އެކުއެވެ. ޑރ. އަފްރާޝީމް ހޮސްޕިޓަލަށް ގެންދިޔި އިރުވެސް ނިޔާވެފައިވާ ކަމަށް އޭރު ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް މިހާތަނަށް ކުށް ސާބިތުވެ ހުކުމްކޮށްފައި ވަނީ ހ. ލޮބީ، ހުސެއިން ހުމާމްގެ މައްޗަށް އެކަންޏެވެ.