03 Sep 2018, 10:49
ޓްރިޕޮލީ(ސެޕްޓެމްބަރު 3): ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ޖަލަކުން 400 ގައިދީން ފިލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި އައިން ޒާރާ ޖަލުގެ ގައިދީން ފިލާފައި ވަނީ ޖަލު ތެރޭގައި ހަމަނުޖެހުން ހިންގުމަށް ފަހު، ޖަލުގެ ދޮރުތައް ހުޅުވައިގެންނެވެ. އަދި ގާޑުންގެ ފުރާނައަށް ނުރައްކާ ވުމުން އެމީހުންނަށް ގައިދީން ނުހުއްޓުވުނީ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އައިން ޒާރާގައި ތިބި ގިނަ ގައިދީންނަކީ ކުރީގެ ލީޑަރު މުއަންމަރުލް ގައްޒާފީއަށް ތާއިދު ކުރާ ފަރާތްތަކެވެ. އަދި އެމީހުން ޖަލަށް ލާފައި ވަނީ 2011 ވަނަ އަހަރު ގައްޒާފީއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރުމުގެ ކުށުގައި ކަމަށް ނޫސްތަކުގައިވެއެވެ.
އެހާދިސާ ހިނގާފައި ވަނީ ޖަލުގެ ވަށައިގެންނާއި މުޅި ޓްރިޕޮލީގައިވެސް ހަތިޔާރު އެޅި ޖަމާއަތްތަކުން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހަމަނުޖެހުންތަކުގެ ސަބަބުން ލީބިޔާގެ ސަރުކާރުން ވަނީ ޓްރިޕޮލީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
ލީބިޔާގައި އޮތް ގައްޒާފީގެ ވެރިކަން ވައްޓާލި ފަހުން އެގައުމުގައި އިދިކޮޅު ސަރުކާރުތައް އުފެދި، ގައުމުގެ އެކި ސަރަހައްދުތަކަށް އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ވެރިވެފައެވެ. (ބީބީސީ)