03 Sep 2018, 09:35
ރިއޯޑި ޖެނީރޯ(ސެޕްޓެމްބަރު 3): ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ހުންނަ ގައުމީ ދާރުލްއާސާރުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ދާދި ފަހުން 200 އަހަރު ފުރުން ފާހަގަ ކުރި އެ ދާރުލްއާސާރުގައި ރޯވީ އިއްޔެ އާއްމުންނަށް އެތަން ބަންދު ކުރި ފަހުންނެވެ. އަދި މިއަދު ވެސް ފަޔާ ފައިޓަރުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެ ދާރުލްއާސާރުގައި ރޯވާން މެދުވެރިވި ސަބަބު އަދި ޔަގީންވެފައެއް ނުވެއެވެ. އަދި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ނަމަވެސް 20 މިލިއަނަށް ވުރެ ގިނަ ތަކެތި ބަހައްޓާފައިވާ އެ ދާރުލްއާސާރަށް ލިބުނު ގެއްލުމުގެ އަގު ލަފާ ކުރަންވެސް ދަތި ކަމަށް އެތަނުގެ ވައިސް ޑިރެކްޓާ ކްރިސްޓިއާނާ ސެރެހޯ ވިދާޅުވިއެވެ.
އެ ދާރުލްއާސާރުގެ ވެބްސައިޓުގައިވާ ގޮތުން އެތަނުގައި ހުންނަ ތަކެތީގެ ތެރޭގައި ބްރެޒިލްގެ ތާރީހާ ގުޅުން ހުރި ތަކެތީގެ އިތުރުން މިސްރުގެ އާސާރީ ތަކެތިވެސް ހިމެނެއެވެ.
އަދި ގުދުރަތީ ތަކެތީގެ ތެރޭގައި ޑައިނަސޯ ކަށްޓާއި 12،000 އަހަރުވެފައިވާ އިންސާނެއްގެ ކަށިގަނޑުވެސް ހިމެނެއެވެ.
އެ ދާރުލްއާސާރުގެ މުވައްޒަފުން ވަނީ އެތަނުގެ ބަޖެޓު ކުޑަ ކުރަމުން ދިޔުމުގެ ސަބަބުން، ތަނުގެ ހާލަތު ދަށްވަމުން ދާ ކަމަށް ބުނެ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. (ބީބީސީ)