03 Sep 2018, 09:40
ބޮލީވުޑްގެ މަޝްހޫރު ބަތަލް ޖޯން އަބްރަހަމް ލީޑު ރޯލު ކުޅެ މިދިޔަ މަހުގެ ފަނަރަ ދުވަހު ރިލީޒްކުރި "ސަތެޔަމޭވް ޖަޔަތޭ" މިދަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ. ބޮޑު ކާމިޔާބީ އަކާއެކު ފިލްމުގެ ދެވަނަ ބައެއް ހަދަން އުޅޭ ހަބަރު މިވަނީ ފެންމަތި ވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ސަތުޔަމޭވް ޖަޔަތޭ" ގެނެސްދިން ޓީ ސީރީޒްގެ ފަރާތުން މިހާރުވަނި ދެވަނަ ބައެއްގެ ވާހަކަ ލިޔެ، ޑައިރެކްޓްކުރަން ފިލްމުގެ ޑައިރެކްޓަރ މިލަޕް މިލަން ޒަވޭރީއާ ހަވާލުކޮށްފައެވެ. "ސަތުޔަމޭވް ޖަޔަތޭ" އަކީ މިލަފްގެ ފުރަތަމަ އެކްޝަން ފިލްމު ކަން ފާހަގަކޮށްލެވެއެވެ.
އެ ފިލްމުން ޖޯން އާއެކު ފެނިގެންދަނީ ބޮލީވުޑަށް އަލަށް ތައާރަފްވި ބަތަލާ އައިޝާ ޝަރްމާ އެވެ. އެ ފިލްމު ބެލި ގިނަ ބަޔަކު ބުނަނީ ފިލްމުގެ ސްކްރީންޕްލޭ އިންތިހާއަށް ރީތި ވުމުން ފިލްމު ވަރަށް ކަމުދިޔަ ކަމަށެެވެ. އަދި އެ ފިލްމުގައި ހިމެނޭ ނޯރާ ފަތެހީގެ "ދިލްބަރް" ލަވައިގެ ސަބަބުން ފިލްމަށް ގެނެސްދިން ފުރިހަމަކަން ބެލުންތެރިން ވަނީ ފާހަގަކޮށްފައެވެ.
ފިލްމުގެ ދެވަނަ ބައެއް ހަދާނެ ކަމަށް ބައެއް މިޑިއާ ރިޕޯޓްތަކުން ބުނި ކަމުގައި ވިޔަސް ފިލްމުގެ ޑައިރެކްޓަރު އަދި ޓީ ސީރީޒްގެ ފަރާތުންވެސް މިކަމަށް ވަކި އެއްޗެެއް ރަސްމީކޮށް އަންގާފައެއް ނުވެއެވެ.
"ސަތުޔަމޭވް ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.
މިހާރުވެސް ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން ބޮކްސް އޮފީހުގައި ފިލްމަށް 113.78 ކުރޯޑްގެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.