މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލުކުރުން މަދުވެގެން ހަމަސް ދުވަހުގެ މުއްދަތައް ފަސްކުރުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވުމަށް އެދިވަޑައިގެން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރ އަހުމަދު ތަސްމީން އަލީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ދެ ސޮފްހާގެ އެ ސިޓީގައި ވަނީ މުދަލާއި ހިދުމަތުން ޓެކުސް ނަގަން ފަށަން ގާތްވެފައިވާއިރު ޓެކްސް ދެއްކުމަށް އެކަށީގެންވާ ވަރަކަށް ހޭލުންތެރިވެ ތައްޔާރުވެފައި ނުވާ ކަމުގެ ޝަކުވާ އާންމު ފަރާތްތަކުންނާއި ކަމާ ގުޅޭ ފަރާތްތަކުން އެ ޕާޓީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

ޖީއެސްޓީ ނެގުމަކީ ވިޔަފާރިވެރީންގެ "ނަފާއަށް ސީދާ އަސަރުކުރާ" އަދި އެތައް ޒާމާނެއް ވަންދެން ދިވެހި ވިޔަފާރި ކުރަމުން އައި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަކަށް ވާނެތީ، ޓެކްސް އަށް އަހުލުވެރި ނުވެ ތިއްބާ ޓެކްސް ނަގައިފިނަމަ އޭގެން މުޖުތަމައުގައި އިތުރު މައްސަލަތަކެއް ނުކުމެދާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"ޓެކްސް ދެއްކުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށް އެކަށީގެންވާ ވަގުތު ނުލިބި ކުއްލިއަކަށް ޓެކްސް ދައްކަން ޖެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ގާނޫނާއި ހިލާފުވުމަށް ފުރުސަތު ހުޅުވިގެން ގޮސް ރައްޔިތުންނަށް ބޮޑެތި ގާނޫނީ އަދަބުތަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު މިޕާޓީއަށް އޮތް ކަން މިފުރުސަތުގައި ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން ޓެކުހެއް ނެގުމަށް ނުވަތަ އުނިކުރުމަށް ހުށަހަޅާ ބިލްތައް ހުށަހެޅުމުގެ ބާރު ލިބިފައި ވަނީ ހަމައެކަނި ސަރުކާރަށް ވުމުން އެ އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލިފައިވާ ކަމަށެވެ.

"... މި ގާނޫނަށް އަމަލުކުރުން މަދުވެގެން ހަ މަސްދުވަހަށް ފަސްކުރުމަށްޓަކައި ހުށަހަޅަންޖެހޭ އިސްލާހުތަށް ދިވެހި ރައްޔިތުންގެ ހައްގުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާދެއްވުން އެދޭވާހަކަ ދެންނެވީމެވެ،" އެ ސިޓީގައިވެ އެވެ.

ޖީއެސްޓީ ނަގަން ފަށަނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ސުންގަޑި ސުން މިނެޓުން ފެށިގެންނެވެ.