02 Sep 2018, 22:32
އަންހެން ކުއްޖަކާ މެދު ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ކޯޓު އަމުރެެއްގެ ދަށުން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިރޭ ވިދާޅުވީ ކުޑަ އަންހެން ކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން 18 އަހަރުގެ އަންހެނަކާއި 17 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ގަނާ ކުރުމުގެ ޝިކާރައަކަށްވި ކުއްޖާ މިދިޔަ މަހުގެ ތެރޭގައި ގެއްލިގެން ހޯދަން ވެސް ފުލުހުން އިއުލާނު ކުރި އެވެ. އެ ކުއްޖާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމިއްލައަށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) އަށް އަމިއްލަ އަށް ހާޒިރުވެފަ އެވެ.
ވައިރަލްވި ވީޑިއޯގައި ފެނިގެން ދަނީ ދިވެހި ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާލާފައި އެހެން އަންހެން ކުއްޖަކަށް އަނިޔާކޮށް، ހުތުރު ބަހުން ވާހަކަ ދައްކައި، މާރާމާރީ ހިންގާ މަންޒަރެވެ. އެގޮތުން އަންހެން ކުއްޖާގެ މޫނު މަތީގައި ޖަހައި "އޮރިޔާން ކުރާނެ" ކަމުގެ އިންޒާރު ދިނެވެ.
ވީޑިއޯ ދައުރުވުމާއެކު ގިނަ ބަޔަކު ވަނީ އެ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައިފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ވެސް ގިނަ ބަޔަކު ގޮވާލި އެވެ.