02 Sep 2018, 20:05
މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް 2013 ވަނަ އަހަރުގައި ބޭއްވި އިންތިހާބުގައި ފުރިހަމަ ކުރި ހުރިހާ އިންތިޒާމުތަކެއް ފުރިހަމަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވޯޓު ގުނާ ވަގުތު ކަރަންޓު ކަނޑާލާނެ ކަމަށް އަޑުފެތުރިފައިވާ ކަމަށާއި، އެފަދަ ހާލަތެއް ބޭނުން ކުރާނެ އިމަޖެންސީ ލައިޓު މިފަހަރުގެ އިންތިހާބުގައި ރަށްރަށަށް އީސީއިން ނުފޮނުވާ ކަމަށެވެ. އަދި އީސީ އިން ކޮންމެ ރަށަކަށް އެއް ވޯޓު ފޮށްޓަށް ވުރެ ގިނައިން ވޯޓު ފޮށި ފޮނުވަމުންދާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ފޮށިތަކަށް ކަނޑައަޅާފައިވާ އޮފިޝަލުންގެ ގޮތުގައި ނަގާފައި ވަނީ ޕީޕީއެމްއިން ފޮނުވި ލިސްޓެއްގައިވާ މީހުންތަކެއް ކަމަށާއި، ރަށްރަށުން ޕީޕީއެމްގެ ޓީޝާޓު ލައިގެން ތިބޭ ބަޔަކު ވޯޓު ފޮށިތަކާ ހަވާލުވާތަން ފެންނަ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން މިރޭ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ ކުރީގެ އިންތިހާބުގައި ފުރިހަމަ ކުރި އެންމެހާ އިންތިޒާމުތަކެއް މިފަހަރު ވެސް ފުރިހަމަ ކުރާނެ ކަމަށެވެ.
އެގޮތުން މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ބައެއް ރަށްރަށަށް އެއް ފޮށްޓަށް ވުރެ ގިނަ ފޮށި ފޮނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެގޮތުން 600 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލާ ރަށްތަކުގައި ދެ ފޮށި އަދި 1000 އަށް ވުރެ ގިނަ މީހުން ވޯޓުލާ ރަށްރަށުގައި ތިން ފޮށި މީގެ ކުރިންވެސް ބަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އަމަލުކުރީ އެހެން ކަން ދައްކުވައިދޭ ލިޔުމެއް އޭނާ ދެއްކެވި އެވެ.
"އާންމުކޮށް މިބަލަނީ، 600 އަށް ވުރެ ގިނަވީމަ ފޮށި ފުރިދާނެ ކަމަށް. އެކަހަލަ ކަމެއް ދިމާވެއްޖެއްޔާ ފޮއްޓެއް ވަގުތުން ގެންދިޔުމަކީ ކުރެވޭނެ ކަމެއް ނޫން." އަކްރަމް ވިދާޅުވި އެވެ.
މީގެ އިތުރުން މިފަހަރުވެސް އިމަޖެންސީ ލައިޓުތައް ފޮނުވާނެ ކަމަށާއި އެހެން ނަމަވެސް، އަދި އެތަކެތި ހިމެނޭ ފޮށި ރަށްރަށަށް ނުފޮނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ނުލާ އެއްވެސް މީހަކު އަދި އިންޓަވިއު ނުކުރާ އެއްވެސް މީހަކު އޮފިޝަލަކަށް ނަގާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް ބައެއްގެ ލިސްޓަކަށް ބަލައިގެން މީހަކު ނަގާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ، މަހްލޫފު ވިދާޅުވި ފޮޓޯގައި މީހާގެ މޫނުވެސް ނުފެންނަ ކަމަށާއި އެއީ ހަދާފައިވާ ފޮޓޯއެއް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަށްރަށުން ވޯޓު ފޮށިތަކާ ހަވާލުވާނީ އެ ކޮމިޝަނުގެ އޮފިޝަލުން ކަމަށެވެ. އެފަދަ ކަމަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އެކަމެއް ބައްލަވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ މަހްލޫފު ބޭނުންފުޅު ވަނީ ކޮންމެވެސް އެއްޗެކޭ ވިދާޅުވެގެން ހަބަރެއް އުފެއްދެވުމަށް ކަމަށެވެ. އަދި ހަބަރެއް އުފެއްދުމުގެ ބޭނުމުގައި ވޯޓަށް ނުފޫޒު ނުފޯރުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އިލެކްޝަންސް ކޮމިޝަނާ ބެހޭގޮތުން އެއްޗެއް ވިދާޅުވަން ބޭނުންފުޅުވާ ނަމަ އެ ކޮމިޝަނަށް ގުޅުއްވައިގެން ކަން އޮތް ގޮތް ފުރަތަމަ ސާފު ކުރެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.