21 Sep 2011, 16:22
އިނގިރޭސި ވިލާތުގެ އާސެނަލް އިން ސްޕެއިންގެ ބާސެލޯނާ އަށް މިސީޒަނުގައި ބަދަލުވި މިޑްފީލްޑާ ސެސް ފެބްރިގާސް ދައްކަމުންދާ މޮޅު ކުޅުމަށް އެކުލަބުގެ ބްރެޒިލް ޑިފެންޑަރު ޑަނީ އަލްވޭސް ތައުރީފު ކޮށްފި އެވެ.
އުމުރުން 24 އަހަރުގެ ފެބްރިގާސް އުނދަގޫތަކަކާއި އެކު ބާސެލޯނާ އަށް ބަދަލުވެ، މިހާތަނަށް ހަތަރު ގޯލު އެކުލަބަށް ކާމިޔާބު ކޮށްދީފައިވެ އެވެ. ލަލީގާގައި އޮސަސޫނާ އާއި ދެކޮޅަށް ކުޅެ 8-0 ލަނޑުން ބާސާ މޮޅުވި މެޗުގައި ވެސް ފެބްރިގާސް ލަނޑެއް ކާމިޔާބު ކޮށްދީފައިވެ އެވެ.
ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާއި ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި އެކުލަބުގެ ސްޕެއިން ތަރި އަންދުރޭ އިނިއެސްޓާ އަށް ލިބުނު އަނިޔާ އާއި ގުޅިގެން ކޯޗު ޕެޕް ގާޑިއޯލާ ދަނީ ސެސް ފެބްރިގާސްގެ ބޭނުން ހިފަމުންނެވެ.
"ފެބްރިގާސްގެ ޒިންމާ ވަރަށް ރަނގަޅަށް އެބަ އަދާކުރޭ. އޭނާއަކީ ޓީމަށް ފައިދާ ހުރި މޮޅު ކުޅުންތެރިއެއް. ފެބްރިގާސް އާއެކު ކުޅުމަކީ އަހަރެންނަށް ލިބޭ ބޮޑު ޝަރަފެއް. ލަޔޮނަލް މެސީ އާއި ފެބްރިގާސް އަކީ އެކުގައި މަސައްކަތް ކުރާ ދެކުޅުންތެރިން. އެ ދެކުޅުންތެރިންގެ ގުޅުން ވަރަށް ވަރުގަދަ." އަލްވޭސް ބުންޏެވެ.
ބާސާ މިވަގުތު އޮތީ ސްޕެނިޝް ލަލީގާ ހަތަރު ވަނާގައި ހަތް ޕޮއިންޓާ އެކުގަ އެވެ. މިރޭ ދަންވަރު 1:00 ގައި އެއްވަނާގައި އޮތް ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ، އެޓީމު ލީގުގެ އެއްވަނައަށް އަރާނެ އެވެ. ސްޕެނިޝް ލަލީގާގައި ކުޅޭ މެޗުތައް ތިރީގައި އެވަނީ އެވެ.
00:00 : ރެއާލް ސޮސިއެދާދު – ގްރެނެޑާ
23:00 : އެތުލެޓިކޯ މެޑްރިޑް – ސްޕޯޓިންގް ގިޖޯން
23:00 : މަލާގާ – އެތްލެޓިކް ބިލްބާއޯ
23:00 : ރޭސިންގް ސަންޓެންޑާ – ރެއާލް މެޑްރިޑް
23:00 : ރަޔޯ ވެލެކާނޯ – ލަވެންޓެ
01:00 : ވެލެންސިއާ - ބާސެލޯނާ