02 Jun 2010, 05:28
10:00
ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް ޤައިދީން ގެނައުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެއްބަސްވެވަޑައިގެންފައިނުވާ ކަމަށް، އެމަނިކުފާނާ ޙަވާލާދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ނައިބު ރައީސް މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް އެމްބެސެޑަރ ޑެނިއަލް ބެންޖަމިންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބައެއް މީހުން ރާއްޖެއަށް ބަދަލުކުރެއްވުމާ ބެހޭގޮތުން އެމްބެސެޑަރ ބެންޖަމިން، ނައިބު ރައީސާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް، މިއީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު ނޫނީ ގޮތެއް ނިންމެވޭނެ މައްސަލައަކަށްނުވާތީ، އެކަމަށް ވަކިއެއްޗެއް ވިދާޅުވެވޭނީ، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައި ކަމަށް އެމްބެސެޑަރ ބެންޖަމިން އަރިހުގައި ނައިބު ރައީސް ވިދާޅުވެފައިވާ ކަމަށާއި ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމަށް އެއްވެސް ހާލެއްގައި އެއްބަސްވެވަޑައިގެންފައި ނުވާނޭ ކަމަށް ނައިބު ރައީސް ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެދަތުރުފުޅު ނިންމަވައި ރާއްޖެ ވަޑައިގަތުމަށްފަހު، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީފުޅެއް ފޮނުއްވި ކަމަށާއި އެ ސިޓީފުޅުގައި، ކަމާބެހޭ ވުޒާރާއަކާ މަޝްވަރާ ކުރައްވައިގެން މިކަމާމެދު ޢަމަލު ކުރައްވަން ފެނިވަޑައިގަންނަވާ ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަވައި ދެއްވުމަށް ނައިބް ރައީސް ދަންނަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އެހިސާބުން ފެށިގެން މިމައްސަލައާ އެއްވެސް ގޮތަކުން ނައިބު ރައީސް ބެހިވަޑައިގެންފައެއް ނުވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ކުރީގެ ސަރުކާރުގައި ވެރިކަން ކޮށްފައިވާ ބައެއް މީހުންގެ ފައިސާ، ބޭރުގެ ބައެއް ޤައުމުތަކުގައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ، އެފައިސާ ރާއްޖެއަށް ގެނައުމާ ބެހޭގޮތުން އެމެރިކާ ސަރުކާރުގެ އެއްވެސް ފަރާތަކާ ނައިބު ރައީސް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށާއި ނައިބު ރައީސް ބަދުނާމުވާ ގޮތަށް އަދި ކަމުގެ ޙަޤީޤަތް އޮޅޭފަދަ ގޮތްގޮތަށް މިފަދަ ވާހަކަތައް އެކިފަރާތްތަކުން ދައްކަވަމުން ގެންދަވާތީ، އެކަމާ ނައިބު ރައީސް ވަރަށް ހިތާމަ ކުރައްވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި މިފަދަ ކަންކަމުގައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، އެކަމުން ޤައުމަށް އެކި ނުރައްކާތައް ކުރިމަތިވެދާނެ އަދި ބޭރު ފަރާތްތަކުގެ ކުރިމަތީގައި ސަރުކާރުގެ ޤަދަރު ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ނައިބު ރައީސް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.