02 Sep 2018, 19:12
އަވަށްޓެރި ސްރީލަންކާގެ ކްލަބުތަކަކާއެކު އެކުވެރި ކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ ކްރިކެޓް ޓީމު އެ ގައުމަށް ހިނގައްޖެ އެވެ.
އަންނަ މަހު ގަތަރުގައި ބާއްވާ އޭސީސީގެ ހުޅަނގު ޒޯންގެ ޓީ20 މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ދަތުރުގައި ގައުމީ ޓީމުން ލަންކާގެ އެކި ލެވަލްގެ ކުލަބުތަކާ ދެކޮޅަށް ފަސް މެޗެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.
ލަންކާގައި ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި މީގެ ކުރިން ގައުމީ ސްކޮޑުގައި ނުހިމެނޭ، މުހައްމަދު އަފްސަހު، އިބްރާހިމް ރާއިދު، އަދި ޝައުފް ހަސަން ވަނީ ހިމަނާފަ އެވެ.
ރާއްޖޭގެ ކްރިކެޓު ޓީމު ތަމްރީނު ކުރަމުން ދަނީ ޕާކިސްތާނަށް އުފަން ދެކުނު އެފްރިކާއަށް ނިސްބަތްވާ ކޯޗް އާސިފް ހާންގެ ބެލުމުގެ ދަށުންނެވެ. އޭނާ އަކީ އައިސީސީ ކޯޗިން ލެވަލްގެ އެންމެ މަތީ ބެޖު ހާސިލު ކޮށްފައިވާ ފަރާތެކެވެ.
ލަންކާއަށް ފުރުމުގެ ކުރިން ކޯޗް އާސިފް ހާން ބުނީ، ލަންކާގައި ކުޅޭ މެޗުން، ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ދެނެގަންނަން އޭނާއަށް ފަސޭހަ ވާނެ ކަމަށެވެ. އަދި މުބާރާތަށް ފައިނަލް ސްކޮޑު ނެގުމަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.
ހުޅަނގު ޒޯން ޓީ20މުބާރާތުގައި ރާއްޖެއާ ވާދަ ކުރާނީ މުބާރާތް ބާއްވާ ގައުމު، ގަތަރާއި ސައުދީ އަރަބިއްޔާ، ކުވައިތު، ބަހްރެއިން އަދި އިރާންއާ އެވެ.
ޓްރެއިނިން ކޭމްޕް ނިމުމަށް ފަހު ގައުމީ ޓީމު މާލެ އަންނަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.