02 Sep 2018, 18:07
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާ ބެހޭގޮތުން ދެކެވެމުން އައި ވާހަކަތައް އެ ކޮމިޝަނުން މިއަދު ދޮގުކޮށްފި އެވެ.
ޝަރީފަށް ނިސްބަތްކޮށް ލިޔެފައިވާ ލިޔުމަކާ ގުޅިގެން މިއަދު އީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ޒިންމާގެ ތެރެއަށް ސިޔާސީ ޕާޓީއެއްގެ ކުލަ ވަދެފައި ނުވާނެ ކަމަށާއި ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލޭ ގޮތަށް ސަރުކާރުގެ އެއްވެސް މުވައްސަސާއަކާ ގުޅިގެން ކަންތައްކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންނަކީ ވެސް ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާ އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅުންތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އަދި ރިސޯޓުތަކުގައި ވަކި އަދަދަކަށް މީހުން ހަމަވުމުން ވޯޓުލާ ގޮތަށް ހަމަޖެއްސީ ވޭތުވެދިޔަ އިންތިހާބުގެ ހަރަދާއި، ތަޖުރިބާއާއި އެކަންކަމުގައި އެ ކޮމިޝަނުން ތަހައްމަލު ކުރަން ޖެހުނު ކަންތައްތަކަށް ބަލާފައި ކަމަށް އީސީއިން ބުންޏެވެ. އަދި ރިސޯޓުތަކުގެ މެނޭޖުމެންޓުގެ ޔަގީންކަން ލިބުމުން ކުރީގެ އަދަދު ބަދަލުކުރީވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ދިނުމުގެ ގޮތުން ކަމަށް ބުންޏެވެ.
މީގެ އިތުރުން ރީރެޖިސްޓްރޭޝަންގެ މަސައްކަތްވެސް މީގެ ކުރީގެ އަހަރުތަކާ ހިލާފަށް ކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރިންވެސް ދައުލަތުގެ މުވައްސަސާތަކާއި ސިވިލް ސާވިސްގެ އޮފީސްތަކުން އެ މަސައްކަތަށް އެހީތެރިކަން ހޯދައިފައި ވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އަދި ރީރެޖިސްޓްރޭޝަންގެ މައުލޫމާތުތަކެއް ލީކުވި ވާހަކަ އެއްވެސް އިރެއްގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ނުވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ސައުތް އެފްރިކާގެ ލެކްސްޓަން ގްރޫޕުގެ ބަޔަކު ރާއްޖެ އައީ ސިއްރުން ނޫން ކަމަށާއި އެ މީހުން ރާއްޖެ އައުމުގެ ކުރިން އެކަމާ ބެހޭ މައުލޫމާތު އެންމެހާ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ މުވައްސަސާތަކާ ހިއްސާކޮށްފައި ވާނެ ކަަމަށް ބަޔާނުގައިވެ އެވެ. އަދި މައުލޫމާތު ސެޝަންތަކަށް ސިޔާސީ ތިން ޕާޓީއަކުން ހާޒިރު ނުވުމަކީ އެ ކޮމިޝަނުން ކުރި ކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
އީސީ އިން ބުނީ ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި ކަމާ ބެހޭ އެންމެހާ މުވައްސަސާތަކާއި ބައްދަލުކޮށް އެހީތެރިކަމަށް އެދިފައި ވާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމް ކުރެވިފައިވާއިރު ޝަރީފަށް ނިސްބަތްކޮށް ލިޔުނު ލިޔުމުގައި ބުނެފައިވާ ފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށް އީސީ އިން ބުންޏެވެ.
"އިލެކްޝަން ކޮމިޝަނުގެ ކަންކަން ނިންމަނީ އެ ކޮމިޝަނުގެ ރައީސެއް ނޫނެވެ. ކޮމިޝަނުން ކަންކަން ނިންމަނީ ކޮމިޝަނުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މެމްބަރުންގެ އިއްތިފާގުންނެވެ. ވަކި ބަޔަކު ބުނާ ގޮތަކަށް ނުވަތަ ޕްރެޝަރު ކުރާ ގޮތަކަށް ނޫނެވެ."