ސިނަމާލެ ބުރިޖުގައި އެމްއެންޑީއެފުން ހާއްސަ ދުވުމެއް މިއަދު ހެނދުނު ބާއްވައިފިއެެވެ.

އެމްއެންޑީއެފުން ބުނީ މިއީ ޕާކިސްތާނު އާމީން ބާއްވާ، "ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް)" މުބާރާތުގައި ބައިވެރިވާ ދިވެހި ސިފައިންގެ ޓީމުން ބޭއްވި ފަރިތަކުރުންތަކެއްގެ ތެރެއިން ބޭއްވި ދުވުމެއް ކަމަށެވެ.

"ދާލަން ދުވުން – 01" ނަމުގައި މިއަދު ބޭއްވި ދުވުމުގައި އެމްއެންޑީއެފްގެ ފައިންގެ ޕޭސަސް ޓީމުގައި ހިމެނޭ 20 ބައިވެރިންގެ އިތުރުން މުދައްރިބުންނާއި ޓީމުގެ އޮފިޝަލުން ވަނީ 11 ކިލޯމީޓަރަށް ވަނީ ދުވެފައެވެ.

"ދާލަން ދުވުން – 01" ނަމުގައި މިއަދު އެމްއެންޑީއެފްގެ ޓީމް ބޭއްވި ދުވުމުގެ ތެރެއިން--- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެ ދުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ވެމްކޯ ސައިޓުން ފެށިގެން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް ސިނަމާލެ ބުރިޖު މަތިން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހުރަސްކޮށް ހުޅުމާލޭގެ ފޭސް 2، ސަރަޙައްދުގެ ނިމޭ ހިސާބަށް ކަމަށެވެ.

އެ ދުވުމުގައި އެންމެ އަވަހަށް ނިންމި ބައިވެރިޔާ ދުވުން ނިންމާފައިވަނީ 40 މިނެޓުންނެވެ.

އަންނަ އޮކްޓޯބަރ 8 އިން 14 އަށް ޕާކިސްތާނުގެ ލާހޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ދިވެހި ސިފައިން، ބައިވެރިވާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ މުބާރާތުގައި ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް ދިވެހި ސިފައިންގެ ޓީމުން ވަނީ ނެރެދީފައެވެ.