ރިޔާޒް (ސެޕްޓެމްބަރު 2): ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން މިދިޔަ މަހު ޔަމަނަށް ދިން ހަމަލާއާ ގުޅިގެން، ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އެޖަމްއިއްޔާއިން ވަނީ މިދިޔަ މަހުގެ ނުވައެއްގައި ސައުދީ ކޯލިޝަނުން ޔަމަނުގެ ސްކޫލު ބަހަކަށް ދިން ހަމަލާއަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އެހެންކަމުން ސައުދީއަށް ހަތިޔާރު ވިއްކާ ފަރާތްތައްވެސް އޭގެ ސަބަބުން ކުށްވެރިވާނެ ކަމަށް ބުނެފަ އެވެ.

އެޗްއާރުޑަބްލިއުއިން ނެރުނު ބަޔާނުގައިވާ ގޮތުން އެހަމަލާ ދިން ފަހުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި، ހަމަލާ ދޭން ބޭނުންކޮށްފައި ވަނީ ޕެންޓަގަންއަށް ހަތިޔާރު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ލޮކްހީޑް މާޓިންއަށް ނިސްބަތްވާ ބޮމެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއާއަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅެއްގައި ވަނީ، އެގައުމަށް 110 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެއްބަސްވުމެއް ހައްދަވައިފަ އެވެ.

އެޗްއާރުޑަބްލިއުއިން އެބަޔާން ނެރެފައި ވަނީ، މިދިޔަ މަހު ޔަމަނުގެ ސްކޫލު ބަހަކަށް ދިން ހަމަލާގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނި ފަހުންނެވެ.

އެކޯލިޝަންގެ ތަހުގީގީ ޓީމު، ޖޮއިންޓް އިންސިޑެންޓްސް އެސެސްމެންޓް ޓީމް (ޖޭއައިއޭޓީ)ގައި އިސްކޮށް ހުންނަވާ ލެފްޓެނެންޓު ޖެނެރަލް މަންސޫރު އަލް މަންސޫރު ވިދާޅުވި ގޮތުގައި އެހަމަލާ ދިނީ ހޫޘީ ލީޑަރުންނާއި ހަނގުރާމަވެރިން ތިބި ބަހަކަށެވެ. ނަމަވެސް އެހަމަލާ ދެވުނު ސަރަހައްދުގެ ސަބަބުން، ހަމަލާ އަމާޒު ކުރި މީހުން ނޫން އިތުރު ފަރާތްތައްވެސް މަރުވީ އެވެ.

ޔަމަނުގެ ސާދާ ޕްރޮވިންސަށް ދިން އެހަމަލާގައި 51 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި 40 ކުޑަކުދިންވެސް ހިމެނުނެވެ. (އަލްޖަޒީރާ)