21 Sep 2011, 16:22
ސަން ގެ ޚަބަރު ސުރުޚީތައް މޯބައިލް ފޯނުތަކަށް ފޮނުވައިދޭ (ސަން ނިއުސް އަޕްޓޭޑް)ގެ ޚިދުމަތް މިއަދު ވަތަނިއްޔާގެ ކަސްޓަމަރުންގެ ފޯނުތަކަށް ވެސް ފޮނުވައިދޭން ފަށައިފި އެވެ.
ޓެސްޓް ޚިދުމަތެއްގެ ގޮތުގައި ސަން އެފްއެމް އާއި ވަތަނިއްޔާ ގުޅިގެން މިއަދު ފެށި މި ޚިދުމަތް އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހާ ހަމަޔަށް ދިނުމަށް ހަމަޖައްސައިފައި ވަނީ ހިލެ އެވެ.
މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ޓަކައި، "ގޯ" ޖަހާފައި 4455 އަށް އެސްއެމްއެސް އެއް ފޮނުވާނީ އެވެ.
ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން ޢަލީ މިއަދު ވިދާޅުވީ، ސަން އިން މީގެ ދެ މަހެއްހާ ދުވަސް ކުރީން ފެށި މި ޚިދުމަތް ވަތަނިއްޔާ ކަސްޓަމަރުންނަށް ވެސް ލިބިގެން ދިޔުމަކީ ސަން މީޑިއާ ގްރޫޕުން ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ޚިދުމަތް ކަސްޓަމަރުންގެ އިތުބާރު ހިފެހެއްޓޭނެ ފެންވަރުގައި ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.
"ސަންގެ ޚަބަރު ސުރުޚީތައް މޯބައިލް ފޯނުތަކަށް ފޮނުވަން ފެށި ދުވަހުން ފެށިގެން، މި ޚިދުމަތަށް އެދި ވަތަނިއްޔާގެ ކަސްޓަމަރުން ވަރަށް ގިނައިން އަޅުގަނޑުމެންނަށް ގުޅަމުން ދިޔައީ ވެސް. މިއަދު އެ ފަރާތްތަކުގެ ބޭނުން ވެސް ފުދިގެން މި ދިޔައީ. ޚަބަރު ހޯދުމަށް މަސައްކަތެއް ކުރަން ނުޖެހި، އަމިއްލަ ފޯނަށް ޚަބަރު ސުރުޚީތައް ލިބުމަކީ ވަރަށް ފަސޭހަ ކަމެއް،" ސިނާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަންގެ ނިއުސް ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ތާޒާ ކަމާ އެކު ޚަބަރު ގެނެސްދިނުމުގެ އިތުރުން ޚަބަރު ބޭނުންވާ ފަރާތްތަކާ ވީހާ ވެސް ގާތަށް ޚަބަރު ގެންގޮސްދިނުމަށް ކަމަށެވެ. އެ ގޮތުން ޚަބަރު ހޯދައި ލިބިގަތުމުގެ އެންމެ މި ޒަމާނީ ފަސޭހަ ގޮތްތައް ތަޢާރަފު ކުރުމަކީ ސަންގެ ނިއުސް ޓީމުން އަބަދުވެސް އިސްކަން ދޭ ކަމެއް ކަމަށާއި އެ ކަމުގައި ކާމިޔާބުތައް ލިބިފައިވާ ކަމަށެވެ.
ވަތަނިއްޔާގެ ސީނިއަރ އެގްޒެކެޓިވް، ޑިޖިޓަލް މީޑިއާ މާކެޓިން އެންޑް ކޮމިޔުނިކޭޝަން، އަހުމަދު ޒަރީރު މިއަދު ވިދާޅުވީ ސަން އަކީ ރާއްޖޭގައި އެންމެ ތާޒާކަމާ އެކު ޚަބަރު ގެނެސްދޭ އަދި ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މީޑިއާ ކަމަށް ވާއިރު، ސަން ނިއުސް އަޕްޑޭޓްގެ ޚިދުމަތް ވަތަނިއްޔާ ކަސްޓަމަރުންނަށް ލިބިގެން ދިޔުމަކީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި ޚަބަރު ހޯދައި ލިބިގަތުމަށް މިހާ ފަސޭހަ ޒަމާނީ ޚިދުމަތެއް ސަން އިން ފެއްޓުމަކީ އެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު އެންމެން ވެސް މި އުޅެނީ ވަރަށް ބިޒީކޮށް. ޚަބަރާއި މައުލޫމާތު ހޯދަން ހޭދަ ކުރާނެ ވަގުތެއް ނެތް. އެހެން ގޮތަކަށް ބުނާ ނަމަ މީ ވަރަށް މޯބައިލް ޒަމާނެއް. މި ފަދަ ޒަމާނެއްގައި ޚަބަރު ހޯދަން ބޭނުންވާ ފަރާތްތަކުގެ މޯބައިލް ފޯނަށް ޚަބަރު ލިބުމަކީ ވަރަށް ވެސް ފަސޭހަ ގޮތެއް. ސަންގެ މި ޚިދުމަތުގެ ސަބަބުން ޚަބަރު ހޯދަން ބޭނުންވާ ފަރާތްތަކުގެ މޯބައިލް ފޯނަށް ޚަބަރު އަންނާނީ،" ޒަރީރު ވިދާޅުވި އެވެ.
ސަންގެ ހަބަރު ސުރުހީތައް ދިރާގު ކަސްޓަމަރުންގެ ތެރެއިން އެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ވެސް އަންނަނީ ފޮނުވައިދެމުންނެވެ.