ރިޔާޒް (ސެޕްޓެމްބަރު 2): މިދިޔަ މަހު ޔަމަނުގެ ސްކޫލު ބަހަކަށް ހަމަލާ ދިނުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން ބުނެފި އެވެ.

ޔަމަނުގެ ހޫޘީންނާ ހަނގުރާމަ ކުރަމުންދާ ސައުދީ ކޯލިޝަނުން އެފަދައިން ބުނެފައި ވަނީ 40 ކުޑަކުދިން މަރުވި އެހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ ފާޑު ކިޔުން ކޯލިޝަނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެކޯލިޝަންގެ ތަހުގީގީ ޓީމު، ޖޮއިންޓް އިންސިޑެންޓްސް އެސެސްމެންޓް ޓީމް (ޖޭއައިއޭޓީ)ގައި އިސްކޮށް ހުންނަވާ ލެފްޓެނެންޓު ޖެނެރަލް މަންސޫރު އަލް މަންސޫރު ވިދާޅުވި ގޮތުގައި އެހަމަލާ ދިނީ ހޫޘީ ލީޑަރުންނާއި ހަނގުރާމަވެރިން ތިބި ބަހަކަށެވެ. ނަމަވެސް އެހަމަލާ ދެވުނު ސަރަހައްދުގެ ސަބަބުން، ހަމަލާ އަމާޒު ކުރި މީހުން ނޫން އިތުރު ފަރާތްތައްވެސް މަރުވީ އެވެ.

އެހެންކަމުން ސައުދީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކޯލިޝަނުން ވަނީ މިދިޔަ މަހުގެ ނުވައެއްގައި ސާދާ ޕްރޮވިންސަށް ދިން ވައިގެ ހަމަލާތަކުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަމާ ހިތާމަ ކުރާ ކަމަށާއި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް މަރުގެ ބަދަލު ދިނުމަށް ޔަމަނުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ސައުދީ ކޯލިޝަނުން ވަނީ އެހަމަލާއަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށާއި އެކޯލިޝަނުން ހަމަލާ ދިނުމާ ބެހޭ ގަވާއިދުތައް މުރާޖަޢާ ކުރާނެ ކަމަށްވެސް ބުނެފަ އެވެ.

ސައުދީ ކޯލިޝަނުން ގަސްތުގައި އާއްމުންނަށް ހަމަލާ ނުދޭ ކަމަށް ބުނި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ އެކޯލިޝަނުން މާރުކޭޓުތަކަށާއި ސްކޫލުތަކަށާއި ހޮސްޕިޓަލްތަކަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާ ދޭ ކަމަށް ބުނެފަ އެވެ.

އަދި އދ.އިން ވަނީ ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެފަ އެވެ.

ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރެވެ. އެހަމަލާތަކުގައި ޔަމަނުގެ 10،000 އަށް ވުރެ ގިނަ މީހުން މަރުވެ، 55،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އދ.އިން ބުނެ އެވެ.