02 Sep 2018, 12:53
އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓަރ ސިޓީންވެސް ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
ލެސްޓަރ ސިޓީގެ ދަނޑުގައި އިއްޔެ އެޓީމާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ކާމިޔާބުކުރީ، 1-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ، މެޗުގެ ފުރަތަމަ ހާފުގައި ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނިއޯ އެވެ. ދެވަނަ ހާފްގައި ލެސްޓަރއިން ކާމިޔާބުކުރި ލަނޑު އެޓީމަށް ޖަހައިދިނީ، ރާޝިދު ޣައްޒާލުއެވެ.
އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން އެޓީމު މޮޅުވީ، 2-0ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު 72 ވަނަ މިނިޓްގައި ޖަހައިދިނީ ޕެޑްރޯއެވެ. އަދި އޭގެ 13 މިނިޓްފަހުން ޗެލްސީގެ ދެވަނަ ލަނޑު ޖަހައިދިނީ އެޑިން ހަޒާޑެވެ.
މެންޗެސްޓަރ ސިޓީން އަމިއްލަ ދަނޑުގައި ރޭ ނިއުކާސަލްގެ މައްޗަށް ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ގިނަ އިރުތަކެއް ނުވެ ރަހީމް ސްޓަރލިން ޖަހައިދިން ލަނޑުން ސިޓީ ލީޑު ނަގާފައި ވަނިކޮށް، ނިއުކާސަލްގެ ޑިއެންޑްރޭ ޔެލްޑީން ވަނީ ލަނޑެއް ޖަަހައި ފުރަތަމަ ހާފް ނިމުމުގެ ކުރީން އެޓީމަށް ނަތީޖާ ހަމަހަހަމަކޮށްދީފައެވެ. ނަމަވެސް ކައިލް ވޯކާ ވަނީ، ދެވަނަ ހާފްގައި ލަނޑެއް ޖަހައި އެޓީމަށް އަލުން ލީޑު ނަގައިދީފައެވެ.
މި ނަތީޖާ ތަކާއެކު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 4 މެޗުން 12 ޕޮއިންޓާއެކު ލިވަޕޫލެވެ. އަދި 4 މެޗުން 12 ޕޮއިންޓާއެކު އެއް ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި އޮތީ ޗެލްސީއެވެ. ހަތަރު މެޗުގެ ތެރޭން އެއް މެޗު އެއްވަރުވެ އަނެއް ތިން މެޗުން މޮޅުވެފައިވާ ސިޓީއަށް 10 ޕޮއިންޓާއެކު ލިބެނީ ތިންވަނައެވެ.
ޕްރިމިއަަރ ލީގުގައި އިއްޔެ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ބްރައިޓަންއާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ކްރިސްޓަލް ޕެލަސް އަތުން 2-0 އިން ސައުތު ހެމްޓަން މޮޅުވި އިރު، އެވަޓަން އާއި ހަޑާރސްފީލްޑް ވާދަކުރި މެޗު ނިމުނީ 1-1އިން އެއްވަރު ވެގެންނެވެ. އަދި ވުލްވްސް ވަނީ، ވެސްޓްހޭމްއާ ވާދަކޮށް 1-0އިން މޮޅުވަފައެވެ.