ބޮލީވުޑްގެ މަޝްހޫރު ޖޯޑު ފިލްމީ ތަރި ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ޙާން އެމީހުންގެ ދަރިފުޅު ތައިމޫރު ގޮވައިގެން ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.

ހަބަރުތައް ލިބިފައިވާގޮތުން އެ މީހުން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެ ކުޑަކުޑަ އާއިލާގެ ޗުއްޓީ ހޭދަ ކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ.

ދަރިފުޅު ތައިމޫރު އަލީ ހާން ގޮވައިގެން ފެމެލީ ވެކޭޝަނަކަށް ރާއްޖެ އަންނަން މުމްބާއި އެއާޕޯޓުގައި އެ މީހުން ނަގާފައިވާ ފޮޓޯތައް ވަނީ އާންމުވެފައެވެ.

ކަރީނާ މެން ރާއްޖެ އައުމަށް މުންބައި އެއާޕޯޓުގައި...

މިއީ ކަރީނާ ވިހޭ ފަހުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރަކު ސައިފާއި ކަރީނާ ޗުއްޓީއަށް ރާއްޖެ އައިސްފައި ވާއިރު އެންމެ ފަހުން މިދެމީހުން އައީ 2015 ގައެވެ.

ކަރީނާގެ ފިލްމުތަކެއް ކުރިޔަށް އެބަ ހުއްޓެވެ. އެއީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ދެ ފިލްމު ކަމަށްވާ "ގުޑް ނިއުސް" އަދި "ތަހުތު"އެވެ. "ގުޑް ނިއުސް" ގައި އޭނާ ފެންނާނީ އަކްޝޭ ކުމާރާއެކުއެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ޖޫން މަހު ރިލީޒްކުރި "ވީރޭ ޑި ވެޑިން" އިންނެވެ.

ސައިފްގެ ވެސް އުންމީދީ ފިލްމުތަކެއް އެބަ ހުއްޓެވެ. އެންމެ ފަހުން މި އަހަރު ޖެނުއަރީގައި ރިލީޒްކުރި "ކާލަކާންޑީ"އިން ފެނުނުއިރު އޭނާ މިހާރު އަންނަނީ "ހަންޓާ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.