ގއ. ނިލަންދޫ އިންޖީނުގެ އިން އެ ރަށު ސިއްހީ މަރުކަޒަށް ދީފައިވާ ކަރަންޓަށް ބިލްކޮށްފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ، އެ ބިލްތަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.

މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ނަގަމުން އަންނަ ފީއަކީ ގާނޫނު އަސާސީ އާއި ރާއްޖޭގައި ހެދިފައިވާ ގާނުނުތަކާ ހިލާފަށް ނަގަމުން އަންނަ ފީއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި، އަޕާ ސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ، ނިލަންދޫ ސިއްހީ މަރުކަޒުން ކޯޓަށް ހުށަހެޅި މައްސަލަ ނިންމަވަމުން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓްގެ ގާޒީ ހުކުމް ކުރައްވާފައި ވަނީ ނިލަންދޫ ކައުންސިލް އިދާރާ އިން ހިންގަމުން ގެންދާ ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ އިން އެ ރަށު ސިއްޙީމަރުކަޒަށް ފޮނުވާފައިވާ ކަރަންޓު ބިލްތަކަކީ "ގާނޫނީ ހަމަތަކާއި ހިލާފަށް ކަރަންޓުފީގެ އަގުބޮޑުކޮށް ހަދާފައިވާ" ބިލްތަކަކަށް ވާތީ، އެ ބިލްތަށް "ގާނޫނީ އިމުގެ ތެރެޔަށް" ގެނައުމުން ނޫނީ އެފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އެ ރަށު ރައްޔިތުންގެ އިންޖީނުގެ އިން ދެމުންގެންދާ ކަރަންޓްގެ ހިދުމަތުގެ އަގު އެ ރަށު ކައުންސިލުން ބޮޑުކޮށްފައި ވަނީ ގާނޫނާއި ގާނޫނު އަސާސީގެ 233 ވަނަ މާއްދާ އާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ކަމަށް ޝަރީއަތަށް ސާބިތުވާކަމަށެވެ